އުމުރުން 65 އަހަރުގެ މީހުންނަށް ދައުލަތުންދޭ އަސާސީ ޕެންޝަނާއި، ފުލުހުންނާއި ސިފައިންނަށް ލިބޭ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން ގާނޫނުތަކުން ދެމުން އަންނަ ޕެންޝަން ދިނުން ހުއްޓާލުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންދަން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.
އެ ބިލާއެކު މެންބަރު ޝިޔާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، "ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖްލިސަށް އަޅުގަނޑު ހުށަހެޅި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެންއުމުގެ ބިލު އަނބުރާ ނަގަން ނިންމައިފިން،" ކަމަށެވެ.
އެ ބިލު އަނބުރާ ގެންދަން ނިންމާފައިވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެންނެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުން، ބުދަ ދުވަހުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންވެސް އެ ބިލަށް ފާޑު ވިދާޅުވިއެވެ. އެމްޑީޕީ ބައެއް މެންބަރުން ވިދާޅުވީ، އެ ބިލުގައި ހިމެނޭ ކަންތައްތަކާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި އެ ބިލުގައިވާ ކަންތައްތަކަކީ އެ މެންބަރުންނާ މަޝްވަރާކޮށްފައިވާ ކަންތައްތަކެއް ނޫން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
މި ބިލުގައި ބުނެފައިވަނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަމައަށް އެންމެ ފައިދާހުރި ގޮތަކަށް ހަރަދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
ދައުލަތުގެ މުވައްޒަފުން ވަޒީފާއިން ވަކިވުމުން ދައުލަތުން ދޭ ޕެންޝަނާއި އެހެނިހެން އިނާޔަތްތައް ދިނުމުގެ ކަންކަން ދައުލަތުގެ ބަޖެޓުން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށްޓަކައި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ހިދުމަތުގެ މުއްދަތަށް ބަލައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފޯރުކޮށްދޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ، އިދާރީގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމުގައި ހަމަޖައްސައި، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ދެމުން އައި އެހެނިހެން ޕެންޝަން ހުއްޓާލައި، ދައުލަތުގެ އެހެނިހެން ޕެންޝަން ދިނުމާ ގުޅޭ އިތުރު އުސޫލުތައް ކަނޑައެޅުމަށްޓަކައި، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ވެސް ބިލު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ، ދައުލަތުގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުން އަންނަ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފިނަމަ، އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަންދެން އެ މީހަކަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާނެ ކަމަށެވެ.
ހިދުމަތުގެ މުއްދަތަށް ބަލައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނު ފިޔަވައި، އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުން ނުވަތަ މުއައްސަސާތަކުން، ދެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، އެ އިދާރާތައް ނުވަތަ މުއައްސަސާތައް މެދުވެރިކޮށް ދިނުން ނިމުމަކަށް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މެދުނުކެނޑީ ދައުލަތަށް 20 އަހަރު ދުވަހުގެ ހިދުމަތްކުރާ ކޮންމެ ފަރާތަކަށް ޒަމާނުއްސުރެ އަންނަނީ ޕެންޝަން ފައިސާ ދެމުންނެވެ. އަދި 40 އަހަރު ދުވަހު ހިދުމަތްކުރާ ފަރާތްތަކަށް ދޭ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު އެކަމަށް ހާއްސަ އުޖޫރައެއްް އަންނަނީ ދެމުންނެވެ. އޭގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސްގައި ހިދުމަތް ކުރާ ފަރާތްތަކަށްވެސް ހާއްސަ ޕެންޝަނެއް އަންނަނީ ދެމުންނެވެ. ގާނޫނަށް މި އިސްލާހު ގެނައުމުން އެ ޕެންޝަންތައް ކެނޑިގެންދާނެއެވެ.
ނަމަވެސް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭނެކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މި މާއްދާއިން އިސްތިސްނާ ވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
އަސާސީ ޕެންޝަން ލިބެމުން އަންނަ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެމީހަކު އެ މަގާމުގައި ދެމިހުންނަ މުއްދަތަށް އަސާސީ ޕެންޝަން ލިބުން މެދުކެނޑިގެންދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތްކަށް، ހަމަޖެހިފައިވާ އުސޫލުން ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕެންޝަން އޮފީހުން ފޯރުކޮށްދޭންވާނެ ކަމަށްވެސް ބިލުގައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ހިދުމަތުގެ މުއްދަތަށް ބަލައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފޯރުކޮށްދެވޭ އެންމެހައި ދައުލަތުގެ އެހެނިހެން ޕެންޝަންގެ ފައިސާ އިދާރީ ގޮތުން ފޯރުކޮށްދޭނީ ޕެންޝަން އޮފީހުން ކަމަށްވެސް ބުނެފައިވެއެވެ.
މި ގާނޫނުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އެހެނިިހެން ޕެންޝަންގެ ފައިސާ އިދާރީގޮތުން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން ކަނޑަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ފިނޭންސް އާއި ޕެންޝަން އޮފީހާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިން، ކޮންމެ މަހަކު ދައުލަތުގެ އެހެނިހެން ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސުން ޕެންޝަން އޮފީހަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި، މި ގާނޫނުން އިސްތިސްނާ ކޮށްފައިވާ ގާނޫނުތައް ފިޔަވައި، އެހެން ގާނޫނެއްގެ ދަށުން ވަޒީފާއިން ވަކިވާ، ނުވަތަ ވަކިކުރެވޭ ފަރާތްތަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދައުލަތުގެ އެހެނިހެން ޕެންޝަން ނުވަތަ އިނާޔަތްތައް ދެވޭނެ ގޮތާއި މިންވަރުތައް ކަނޑައަޅާނީ ނެޝަނަލް ޕޭކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކަށް ބިނާކޮށް ފިނޭންސް މިނިސްޓްރީން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު