ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ރެއާލް ބެޓިސްއާއެކު ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު، ލަލީގާގެ ތަށި ދިފާއުކުރުމަށް ރެއާލް އިން ކުރަމުން އަންނަ މަސައްކަތަށް އުނދަގޫތަކަކާ ކުރިމަތިވެއްޖެއެވެ.

ރޭގެ މެޗުން މޮޅުވެ ރެއާލްއަށް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތް ނަމަވެސް މެޗުން ލިބުނު ޕޮއިންޓާއެކު އެޓީމު އޮތީ ދެވަނައިގައެވެ. އެތުލެޓިކޯ މެޑްރިޑުން އެެއްވަނައިގައި އޮތް އިރު، އެޓީމުން މިރޭ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ، ރެއާލްގެ މައްޗަށް ފަސް ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ.

މިހާތަނަށް ކުޅުނު 32 މެޗުން 73 ޕޮއިންޓު އެތުލެޓިކޯއަށް ލިބިފައިވާ އިރު، ރެއާލްއަށް 33 މެޗު ކުޅެގެން ލިބިފައިވަނީ 71 ޕޮއިންޓެވެ. ބާސެލޯނާ އިން ރެއާލްއަށްވުރެ ދެ މެޗު މަދުން ކުޅެ، އެޓީމު ވަނީ 68 ޕޮއިންޓު ހޯދާފައެވެ. އެ ދެމެޗުން މޮޅުވެ، އެތުލެޓިކޯގެ މައްޗަށް އެރުމުގެ ފުރުސަތުވެސް ބާސާއަށް އެބައޮތެވެ.

ރޭގެ މެޗުގައި ރެއާލްއަށް ގޯލެއް ޖެހުމާ އެންމެ ކައިރިއަށް ޖެހިލީ ބްރެޒިލްގެ ރޮޑްރީގޯއެވެ. އޭނާގެ ހަމަލާ އަމާޒުވީ މަތީ ދަނޑިއަށެވެ. އަނެއްކޮޅުން ގުއިޑޯ ރޮޑްރިގޭޒްގެ ނުރައްކާތެރި ހަމަލާއެއް ރެއާލް ގޯލްކީޕަރު ތިބޯ ކޯޝުއާ މަތަކޮށް ބޭރުކޮށްލާފައިވެއެވެ.

ރޭގެ މެޗުން ރެއާލްއަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ އަނިޔާގެ އެތައް މައްސަލަތަކެއްގެ ތެރޭގައި އުޅެމުން އަންނަ އެޑެން ހަޒާޑް އަނބުރާ ދަނޑު މައްޗަށް ނުކުތުމެވެ. މިދިޔަ އަހަރު މާޗު މަހަށްފަހު ލީގު މެޗަކުން ހަޒާޑް ފެނިފައިނުވާ އިރު، މި ސީޒަން ފެށިފަހުންވެސް ހަޒާޑަށް ވަނީ ތިން ފަހަރެއްގެ މަތިން އަނިޔާވެފައެވެ.

ޗެލްސީން ރެއާލްއަށް ބަދަލުވި ފަހުން ޗެލްސީގައި ދެއްކި ތަފާތު ކުޅުން ހަޒާޑްގެ ފަރާތުން ފެނިފައިނުވާ އިރު، ރެއާލް އިން ދެން އޮތް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ނުކުންނަން ޖެހޭނީ ހަޒާޑްގެ ކުރީގެ ކްލަބު ޗެލްސީއާ ދެކޮޅަށެވެ. އަންގާރު ދުވަހުގެ ރޭ ޗެލްސީ އާއި ރެއާލް ކުޅޭ ޗެމްޕިއަންސް ލީގު ސެމީގެ ފުރަތަމަ ލެގު އޮންނަ އިރު، އެ މެޗުގައި ހަޒާޑް ފެނުން ގާތެވެ.