ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ހަމައެކަނި އޯވަޑުރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އިތުރު ކުރުމުގެ މައްސަލަ ކަމަށެވެ.
އެގޮތުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ މަޖިލީހުގެ ނުވަ މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މާދަމާ ހެނދުނު 10:30 ގައި ބާއްވާ މަޖިލިސް ޖަލްސާއަށް ހުށަހަޅައި ބަހުސްކޮށް ގޮތެއް ނިންމަން ވަނީ އެޖެންޑާކޮށްފައެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާނެއެވެ.
މަޖިލީހުން ސަރުކާރަށް އެ ހުއްދަ ދީފައި ވަނީ، ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް ސަސްޕެންޑު ކޮށްގެންނެވެ.
ރާއްޖޭގެ އިގުތިސާދު ރަނގަޅުވަމުން އައި ނަމަވެސް، ކުރިން ލިބެމުން އައި އާމްދަނީއާ އެއްވަރަށް ދައުލަތަށް އާމްދަނީ ލިބެމުން ނުދާތީ އެ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ.
ދެ ދުވަހުގެ ބަހުސަށްފަހު އެ ފަހަރު މަޖިލީހުން ނިންމީ މުއްދަތު އިތުރު ނުކުރުމަށެވެ. ނަމަވެސް ޖެހިގެން އައި ބުދަ ދުވަހު މަޖިލިސް ރައީސްގެ މޭޒުން އެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅިއެވެ. އަދި އެ މައްސަަލަ އިތުރަށް ދިރާސާކުރުމަށް، މަޖިލީހުގެ ނުވަ މެންބަރުންގެ ހާއްސަ ކޮމިޓީއަކަށް ގެންދަން ފާސްކުރިއެވެ.
އެ މައްސަލައަށް ކޮމިޓީގައި ބަހުސް ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން ފެންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު