ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން ފެންނަ ކަމަށް އެ މައްސަލަ ދިރާސާ ކުރަމުންދާ މަޖިލީހުގެ ވަގުތީ ކޮމެޓީން ފާސްކޮށްފިއެވެ.
މިރޭ އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި އެ މުއްދަތު އިތުރުކުރުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. އެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ. އެ ހުށަހެޅުން މިރޭގެ ކޮމެޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ، ވެސް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިނެވެ. ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
މި މައްސަލަ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ދެ ދުވަސް މަތިން ބަހުސްކޮށް، އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ގެންގޮސްގެން ދިރާސާ ކުރުމަށްފަހު އެ މުއްދަތު އިތުރުކުރުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ހުށަހެޅި ނަމަވެސް ވޯޓަށް އެހުމުން އެކަމަށް ގޮތެއް ކަނޑައެއް ނޭޅިއެވެ.
ނަމަވެސް މިމަހުގެ 26 ކުރިން މިކަމަށް ގޮތެއް ނިންމަން ޖެހެއެވެ. އެއީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާތީއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލަ އަލުން މަޖިލީހަށް ހުށަހަޅުއްވަނީ، ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ މައްސަލައާ ގުޅޭ ފަރުވާއެއް ލިބިފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ދެނެގަނެ އެކަމަށް ގޮތެއް ނިންނުމަށް ކަމަށެވެ.
އެއަށްފަހު އެކަން ކުރިއަށް ގެންދިއުމާ ބެހޭގޮތުން ހުށަހެޅުންތައް ހުށަހެޅުމަށް މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ. އެ ފުރުސަތުގައި އެ މައްސަލަ ނުވަ މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިނެވެ.
އެ ހުށަހެޅުއްވުން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ބޭނުން ވަނީ 26 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު