ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ކ. ދޫނިދޫން އިތުރު 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.

ފުލުހުންގެ ބަންދުގައި މީހުން ބޭތިއްބުމަށް ހާއްސަ ދޫނިދޫން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އިއްޔެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދޫނިދޫން މިއަދު އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންނަކީ އިއްޔެ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން ކަމަށެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަަމަށްވެސް އެެޗްޕީއޭއިން ބުންޏެވެ.

އަތޮޅުތެރޭގެ 67 ރަށެއްގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އެބައުޅެއެވެ.

ދޫނިދޫން މިއަދު 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އަތޮޅުތެރޭގެ ހަ ރަށަކުން މިއަދު ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އއ. މަތިވެރިން ދިހަ މީހުން، އދ. މާމިގިިން ފަސް މީހުން، ކ. މާފުށިން 11 މީހުން، ކ. ހިންމަފުށިން ފަސް މީހުން، ތ. ވޭމަންޑުއިން ދިހަ މީހުން އަދި ތ. ކިނބިދޫން ހަތަރު މީހުން ޕޮޒިޓިވްވެފައިވެއެވެ.