ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުގައި ނުހިމެނޭ ކަމަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ރުފިޔާ ޗާޕު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަބަބު އޮޅުންފިލުވައި ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓަރު ހަރަދު ކުރަމުންދާ ގޮތާމެދު ސުވާލު އުފައްދައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުުގެ ބަޖެޓުން ހަރަދު ކުރުމުގެ އުސޫލުތަކާމެދު މަޖިލިސް މެންބަރުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ހަރަދު ކުރަނީ ބަޖެޓު ކޮށްގެން ކަމަށާއި މަޖިލީހުން ފާސްކޮށް ދީފައިވާ ބަޖެޓްގައި ނުހިމެނޭ އެއްވެސް ކަމަކަށް ހަރަދު ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

އެކަމުގެ ތަފުސީލު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، "ހަރަދު ކޮމިޓްވުމުގެ ގޮތުން އެސްއޭޕީގައި ޕާޗޭސް އޯޑަރު ހެދޭނެ، ޕާޗޭސް އޯޑަރު ހެދެނީ ކޯޑުގައި ބަޖެޓް ނުވަތަ ފައިސާ ހުރެގެން، މިއީ ކޮންމެ ލައިން އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ކަށަވަރު ކުރަންޖެހޭ ކަމެއް،" ކަމަށެވެ.

ޕްރޮކިއުމެންޓްގެ ކަންތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ، ޕްރޮކިއުމެންޓްގެ ކަންތައް ކުރިއަށް ގެންދަނީ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ދަށު ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ފައިސާ ދައްކަމުން ދަނީ ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިން ކަށަވަރުކޮށް، އެކަމަށްޓަކައި ބޭނުންވާ ހުރިހާ ޑޮކިއުމެންޓްތަކާ އެއްކޮށް ބިލުތައް އެސްއޭޕީގައި ޕޯސްޓްކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި އޭގެ އެސްއޭޕީ ނުވަތަ ދައުލަތުގެ އެކައުންޓިން ނިޒާމުގެ ބޭރުން އެއްވެސް ހަރަދެއް ނުވަތަ އެއްވެސް ބިލަކަށް ފައިސާއެއް ދައްކާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.