މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ބޭނުންވާ އެސައިމަންޓުތަކާއި ދިރާސީ މަސައްކަތްތައް އަގަށް ކޮށްދިނުމަކީ އާންމު ކަމެކެވެ. ބައެއް ފަރާތްތަކުން އެފަދަ މަސައްކަތްތައް ކޮށްދެނީ، ކޮށްދޭ އަގާއެކު އެކި ތަންތަނުގައި އާންމުކޮށް އިއުލާންކޮށް ކޮށްގެންނެވެ. ނަމަވެސް އެކަމަކީ މަނާ ކަމެއް ކަމަށް ގާނޫނުން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މަތީ ތައުލީމުގެ ބިލުގައި މިހާރު ވަނީ ހިމަނައިފައެވެ.
މަޖިލީހުން ފާސްކުރުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮތް މަތީ ތައުލީމުގެ ބިލަށް، ގެންނަންޖެހޭ އިސްލާހުތައް ގެނެސް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެބިލު މިދިޔަ ހަފުތާގައި ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
އެބިލު ކޮމިޓީން ފާސްކުރި އިރު ބިލުގައި ހިމަނާފައިވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވަނީ ދަރިވަރުންނަށް ބޭނުންވާ އެސައިމަންޓުތަކާއި ދިރާސީ މަސައްކަތްތައް އަގަށް ކޮށްދިނުމާއި އެކަން ކުރުވުމާއި އެކަން ކޮށްދޭ ކަމަށް އިއުލާން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ހިމެނުމެވެ.
އެގޮތުން އެ ބިލުގެ 65 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައި ބުނެފައިވަނީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގު ދީގެން ކުރުވުމަކީ މަނާ ކަމެއް ކަމަށެވެ.
އެ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ބުނެފައިވަނީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށަހެޅުމަކީވެސް މަނާ ކަމެއް ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގެ (1)ގައި ބަޔާން ކޮށްފައިވާ އަމަލެއް ކޮށްފި ދަރިވަރެއްގެ އަދަބަކީ 5000 ރުފިޔާއިން ޖޫރިމަނާކުރުން ކަމަށެވެ. މިއީ އެކަން ކުރި ކުއްޖާގެ އަދަބެވެ. (ނ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގެ (2) ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއްގެ އަދަބަކީ 10000 ރުފިޔާއިން ޖޫރިމަނާކުރުން ކަމަށެވެ. އެއީ އެކަން ކޮށްދިން ފަރާތުގެ އަދަބެވެ.
މީގެ އިތުރުން އެފަދަ އަމަލެއް ދަރިވަރަކު ހިންގައިފިނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ހަދައި ގަވާއިދުގައި ކަނޑަަޅާ އުސޫލުތައް މަތީ ތައުލީމު ދޭ ކޮންމެ މަރުކަޒެއްގައި ގާއިމުކޮށްފައި ހުންނަންވާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު