ސްޕެއިންގެ ގައުމީ އެއާލައިން، އިބެރިއާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ. މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.
އިބެރިއާގެ އެގްޒެކެޓިވް ޗެއާމަން ހަވިއެރު ސަންޗޭޒް ޕްރިއޭޓޯއާ ހަވަލާދީ ރަޝިއާގެ ޓްރެވެލް ނޫހެއް ކަމަށްވާ ރަސް ޓޫރިޒަމް ނިއުސްގައި ބުނެފައިވަނީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން، ދަތުރުތައް ހުއްޓާލާފައިވާ މަންޒިލްތަކަށާއި އާންމުކޮށް ދަތުރުތައް ކުރާ މަންޒިލްތަކަށް ދަތުރުތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އިބެރިއާ ގުރޫޕުގެ ދަށުން ހިންގާ އިބެރިއާ، އިބެރިއާ އެކްސްޕްރެސް އަދި އިބެރިއާ ރީޖަނަލް/ އެއާ ނޮސްޓްރަމް އިން 112 މަންޒިލަކަށް ދަތުރު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި 28 ދުރު ރާސްތާ މަންޒިލްތަކާއި 88 ކުރު އަދި މެދު ރާސްތާގެ މަންޒިލް ހިމެނެއެވެ.
ސަންޗޭޒް ޕްރިއޭޓޯ ވިދާޅުވީ، މި ހޫނު މޫސުމުގައި އިބެރިއާ އިން މުޅިން އަލަށް ދަތުރުތައް ފަށާ އެއް މަންޒިލަކީ ރާއްޖެ ކަމަށެވެ. އެގޮތުން މެޑްރިޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވާނީ އަންނަ ޖުލައި އަދި އޮގަސްޓު މަހު ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަތުރުތަކުގައި ކޮންމެ ހަފުތާއަކު ދެ ދަތުރު ބާއްވާނެއެވެ.
"ރާއްޖެއަށް ދަތުރުތައް ފަށަން ނިންމުމާއެކު ކުންފުނީގެ އިތުބާރު އިތުރުވާނެ ކަމަށް ބެލެވޭ. މިއީ ޓްރެވެލް ބިޒްނައަސް އަށްވެސް އުފާވެރި ހަބަރަކަށްވުމުގެ އިތުރުން އާ ހާލަތާއެކު އާ މަންޒިލްތަކަށް ކުންފުނީގެ މިސްރާބު ބަދަލުކުރުމަށް އިބެރިއާ އިން ގެންގުޅޭ ރަނގަޅު މިސާލަކަށް ވެގެންދާނެ،" ސަންޗޭޒް ޕްރިއޭޓޯ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު