ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކެމްޕޭން ތަގުރީރެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން އަމަލުތަކެއް ހިންގަމުންދާ ކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.
ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި މަގުމަތީ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ވަހީދު ވަނީ މީހުން މެރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކޮށްފައިވާ ކަމަށާ އެއީ "ސިކު" ބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެކަމާ ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާންމުން ގެންދަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، ވަހީދުގެ އެ ތަގުރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫން ކަމަށާއި އެއާ ހިލާފަށް މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަށް ކަމަށެވެ.
"އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ދީނީ ބައެއް އިލްމުވެރިންނާއި ސިޔާސީ ބައެއް މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.،" އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ، ވަހީދު ދެއްކެވި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި އެކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި އެފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް، ފިޔަވަޅުއެޅުމަށް ވެސް ގޮވާލާފައިވެއެވެ.
"މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިޔާ ޑޮކްޓަރު އަފްރާޝީމް އަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައެވެ. ތަހުގީގުތަކުން ދައްކާގޮތުގައި ޑޮކްޓަރު އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވެއެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު