މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުން ނުކުތް ނަތީޖާއާ އެމްޑީޕީން ކުޅެން އުޅޭ ކަމަށް ތުހުމަތުކޮށް އެ ފުރުސުަތު ނުދޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މައި މަރުކަޒު ހުންނަ ބާ ޖަމާލުއްދީނަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތައް މިއަދު އެއްވެ ބަހުގެ ހޫނު ހަމަލަތަކެއް ރައްދުކޮށް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ވަނީ ހިންގައިފައެވެ.

އެ ހާދިސާއަށް ފަހު ޕީޕީއެމް/ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިންތިހާބުން އިދިކޮޅު ފަރާތްތައް ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައިވާ ކަމަށާއި ނަމަވެސް ގިނަ ގޮނޑިތަކެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ހީވެފައިވާ ކަމަށެވެ.

"އެ އިންތިހާބުގެ ނަތީޖާއާ ކުޅެން އެމްޑީޕީގެ އިސް ސަފުން މަސައްކަތް ކުރަމުންގެންދާ މަންޒަރު އެބަ ފެނޭ. އެހެންވީމަ އެކަމުގެ ކަންބޮޑުވުންތައް އަޅުގަނޑުމެންގެ ވަރަށް ބޮޑަށް އެބަހުރި،" ޕީއެންސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ކުރިން ބޭއްވި މަޖިލިސް އިންތިހާބާއި އޭގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ އޮޅުވާލައިގެން ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވިއެވެ. އަދި ވިދާޅުވީ، މި އިންތިހާބުން އެ ފުރުސަތު ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަބަދަކު ރައްޔިތުންގެ ހައްގަށް އަރައިގަންނަށް ފުރުސަތު ދީގެން ބަލަހައްޓައިގެން ނުތިބޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި އިންތިހާބުގައި ރައްޔިތުން ވަނީ ބަސް އިއްވާފައިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެއާ ނުގުޅޭ މަންޒަރެއް ބަލަން ރައްޔިތުން މަޑުން ނުތިބޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަމެއް ނުނިންމެއްޖެ ނަމަ ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ތައްޔާރަށް އޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.