ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުންދަނީ ސައުދީ އަރަބިއްޔާގެ ވަފުދަށް އާދެވޭނެ ފަދަ މާހައުލެއް ނެތުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދި ނެރުނު ބަޔާނެއްގައި ވަނީ ކިންގް ސަލްމާނު މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކޮށްފައިވާ މިސްކިތެއް ކަމަށާއި އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ކަމަށް ސައުދީ ސަރުކާރުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
"ކިންގް ސަލްމާން މިސްކިތް ހުޅުވުމަށްޓަކައި ތާރީހުތަކެއް ކަނޑައެޅި ހިސާބުން ކޮވިޑް 19 ގެ ހާލަތު މުޅި ދުނިޔެއަށް ކުރިމަތިވީ ގޮތަށް އަދިވެސް ރައްކާތެރިކަމާއެކު ސައުދީ އަރަބިއްޔާއިން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ، ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާ ވާހަކަ ހިތާމައާއެކު ފާހަގަ ކުރަން،" ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ގިނަ ހިދުމަތްތަކެއް ދެވޭގޮތަށް ކިންގް ސަލްމާނު މިސްކިތް އިމާރާތް ކުރެވުނު ނަމަވެސް އެތަނުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރެވިފައި ނުވާތީ، ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދިވެހި ދައުލަތުން، ސައުދީ ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ސައޫދީ ރަސްގެފާނުގެ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ބަޖެޓަކާއެކުއެވެ.
އެ މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރު މާޗު މަހު ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ހުޅުވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު