ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރު ކަމަށް ފަހު އިގުތިސޯދު އެންމެ ހަލުވިކަމާއެކު ކުރިއަރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓް ލުކް" ރިޕޯޓުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ މިއަހަރު 18.9 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދީ އުފެއްދުންތެރިކަން ވަނީ 32 ޕަސެންޓު ދަށް ވެފައެވެ.
އައިއެމްއެފުން ލަފާކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި 13.4 ޕަސެންޓުގައި ހުންނާނެއެވެ. އަދި 2023 ވަަނަ އަހަރު އެ ނިސްބަތް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 12.6 ޕަސެންޓުގައެވެ.
ރާއްޖެއަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް އިގްތިސާދު އެންމެ ހަލުވިކަމާއެކު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ ގައުމެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދެންމެ އެންމެ ހަލުވިކަމާއެކު އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ އިންޑިއާގައެވެ. އެގައުމުގެ ޖީޑީޕީ މިއަހަރު 12.5 ޕަސެންޓު އިތުރުވާނެ ކަމަށް އައިއެމްއެފުން ލަފާކުރެއެވެ.
ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑު އަސަރެއް ކުރީ މިދިޔަ އަހަރު ތިން މަސް ދުވަސް ވަންދެން ޓޫރިޒަމް އެއްކޮށް ހުއްޓިފައި އޮތުމުގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ޓޫރިސްޓުން އަންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު