އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. ހިތާދުއަށް ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖުތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ބ. ހިތާދޫން ބަލައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބިގެންދާނެ ކަމަށެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮއަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި މިވަނީ ފަސް ރަށަކަށް އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި އެ ހިދުމަތް ހިތާދޫގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ޑިޖިޓަލް ހިދުމަތްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނަށާއި ކުންފުނިތަކަށް އަދި އާންމު ދިރިއުޅުމަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތުގެ މުހިންމުކަން ވަނީ އިތުރުވެފައި. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް ހުޅުވާލަދިނުމަށްޓަކައި މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން." ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން ބުނީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ ކަމަށާއި އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު %68 އާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާ ކަމަށެވެ.

އެގޮތުން ހިތާދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

[ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖުތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ](http://ore.do/getsupernet )