ރެބެކާ ރޮބާޓްސް އަދި އޭނާގެ ބައިވެރިޔާ ދަރިޔަކު ހޯދުމަށް ކުރި އެތައް މަސައްކަތެއް ނާކާމިޔާބުވުމަށްފަހު ބަލިވެ އިން ހަބަރު ލިބުނީ އޭގެ އެއް އަހަރު ފަހުން ހެދި ޓެސްޓަކުންނެވެ.
ބަލިވެ އިންކަން ޔަގީން ކުރެވުނީ ސްކޭން ކޮށްގެން ކުއްޖާ ފެނި، ހިތުގެ ވިންދު އިވުނު ހިސާބުންނެވެ. އަދި އޭނާގެ މެޑިކަލް ޗާޓުގައި ބަލިވެ އިނީ އެންމެ ކުއްޖަކަށް ކަމަށް ޑޮކްޓަރު ލިޔުނެވެ.
39 އަހަރުގެ ރެބެކާ ހޮސްޕިޓަލުން ނުކުތީ ކުއްޖަކަށް ބަލިވެ އިންކަން ޔަގީންކުރެވި ނުހަނު އުފަލުންނެވެ. ނަމަވެސް އޭގެ 5 ހަފުތާ ފަހުން ބަނޑަށް 12 ހަފުތާގައި ކުރި ސްކޭނުން ޑޮކްޓަރުންނަށް ސިހުން ގެނުވިއެވެ.
ދެވަނަ ސްކޭނުގައި އިތުރު ކުއްޖެއް ބަނޑުގައި އޮތް ކަމަށް ދެއްކިއެވެ. ފުރަތަމަ ކުއްޖާއަށް ވުރެ ލަހުން ހެދިބޮޑުވަމުން އަންނަ ކުއްޖެއް ސްކޭނުން ދެއްކުމުން އެންމެން ވެސް ތިބީ ހައިރާން ވެފައެވެ.
''އެންމެން ހަމަހިމޭންވުމުން އަހަރެން ހީކުރީ ކަމެއް ގޯސްވީ ކަމަށް. ޑޮކްޓަރު އަހަރެން ކައިރީ ބުނެފި އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އެނގޭހޭ؟" ރެބެކާ ބުނެފައިވެއެވެ.
ނަމަވެސް އޭނާ އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިނީ އާދައިގެ ގޮތަކަށް ނޫންކަން ފަހުން އޭނާއަށް އެނގުނެވެ. ''ސުޕަފީޓޭޝަން'' އަކީ ބަލިވެ އިންދައި އަލުން ބަލިވެ އިނުމުގެ ހާލަތަށް ކިޔާ ނަމެކެވެ.
ޑޮކްޓަރު ޑޭވިޑް ވޯކާ ބުނާގޮތުގައި ރޮބާޓްސްއަށް މެދުވެރިވި ހާލަތަކީ މެޑިކަލް ލިޓަރޭޗާގައި ރެކޯޑުކުރެވުނު، މަދުން ނޫނީ ނުފެންނަ ހާލަތެކެވެ. މިކަމުގެ ސަބަބުން ރެބެކާގެ ޑޮކްޓަރަށްވަނީ އޭނާގެ 25 އަހަރުގެ ތަޖުރިބާގައި ފުރަތަމަ ފަހަރަށް ފެނުނު ކަމެއް ކަމުން ތަފާތު ގޮންޖެހުމަކާ ކުރިމަތި ވެފައެވެ. މި ހާއްސަ ހާލަތަށް ފަރުވާކުރަން ނިންމީ އެތައް ބައިވަރު ސްކޭންތަކެއް ކުރުމަށްފަހު ވަރަށް ޔަގީންކޮށްފައި ކަމަށް ވޯކާ ބުނެފައިވެއެވެ.
''އަހަރެމެން ކަންތައް ބޮޑުވީ ދެވަނަ ކުއްޖާ ވަރަށް ކުޑަވުމުން. ވަރަށް ގާތުން ސްކޭންކޮށް ބަލައިގެން އެނގުނީ ދެވަނަ ކުއްޖާ ހެދިބޮޑުވަމުން އަންނަނީ ފުރަތަމަ ކުއްޖާއަށްވުރެ 3 ހަފުތާ ލަސްކޮށްކަން، އަދި މިއީ ސުޕަފީޓޭޝަންގެ ހާލަތެއްކަން.'' ވޯކާ ބުނެފައިވެއެވެ.
''ބަލިވެ އިނުމުން އޮވިއުލޭޝަން (ބިސް ބޭރުވުން) ހުއްޓޭ. ނަމަވެސް އޭގެ 3-4 ހަފުތާފަހުން ރެބެކާގެ ބިސް ވަނީ ބޭރުވެފަ. އަދި މި ބިސް މިވަނީ އާދަޔާ ހިލާފަށް ގަރުބަގަނެފަ.'' ވޯކާ ބުނެފައިވެއެވެ.
ރޮބާޓްސް ދިޔައީ އޭގެ ކުރިން ބަލިވެ އިނުމަށް އޮވިއުލޭޝަންއަށް ބޭސްކަމުންނެވެ. ނަމަވެސް ވޯކާ ބުނާގޮތުގައި މިކަމަކީ ސުޕަފީޓޭޝަންއަށް މަގުފަހި ކުރި ކަމެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.
ދެކުދިން ރަނގަޅަށް ބޮޑުވާނެ ކަމާމެދު ޝައްކު އުފެދުނު ނަމަވެސް ހެދިބޮޑުވަމުން ދިޔައީ ރަނގަޅަށް ކަން ފާހަގަކުރެވުމުން ހިތްހަމަޖެހުން ގެނުވިކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.
ރެބެކާގެ ދެމަފިރިންނަށް ސުޕަފީޓޭޝަންގެ ހަބަރު ދިނުމުން އެމީހުން ތިބޭ ހައިރާންކަމެއްގައެވެ. ރެބެކާގެ ފިރިމީހާގެ 15 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ. ރޮބާޓްސްގެ އުމުރާއި ހާލަތުގެ ނާޒުކުކަމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ވިހަން ކައިރިވެފައިވަނިކޮށް ދެވަނަ ކުއްޖާ ސަލާމަތް ނުކުރެވިދާނެކަމުގެ އިންޒާރުވެސް ލިބުނެވެ.
''ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ވަރަށް މަތިކަން އަހަރެމެންނަށް އެނގޭ. ނަމަވެސް ދުވަސް ނުފުރާ ވިހަން ޖެހޭ އިރު ދެވަނަ ކުއްޖާ ރަނގަޅަށް އުފެދިފައި ނުވުމުގެ ބިރު އަބަދުވެސް އޮވޭ' ރެބެކާ ބުނެފައިވެއެވެ.
ބަނޑަށް 33 ވަނަ ހަފުތާގައި ދެވަނަ ކުއްޖާ ހެދިބޮޑުވުމުގައި ދަތިތަކެއް އުޅޭކަން ފާގަކުރެވިގެން އެވަގުތު ކުދިން ވިއްސަން ވެއްޖެކަމުގައި ޑޮކްޓަރުން ނިންމިއެވެ. ދެކުދިން ވިހެއުމަށް ތަފާތު ދެ ތާރީހެއް ކަނޑައަޅާފައިވީނަމަވެސް މިދިޔަ ސެޕްޓެމްބަރު 17 ގައި ސިޒޭރިއަން ހަދައިގެން ދެކުދިން ވެސް ވަނީ ނަގާފައެވެ.
ނޯއާ ގެ 4 ޕައުންޑު 3 އައުންސު (2.5ކިލޯ) ހުރިއިރު އޭގެ ދެ މިނިޓު ފަހުން އުފަންވި ރޮސަލީގެ ހުރީ 2 ޕައުންޑު 7 އައުންސު (1.2 ކިލޯ) އެވެ.
ދެކުދިން ދައްކާލުމަށްފަހު އެންއައިސީޔޫ އަށް ގެންދިޔަ ކަމަށާއި، ނޯއާ 3 ހަފުތާ ހޮސްޕިޓަލުގައި ބާއްވަން ޖެހުނު އިރު ރޮސަލީ 95 ދުވަހު ބާއްވަން ޖެހުނުކަމުގައި އެމީހުން ބުނެފައި ވެއެވެ.
ކުޑަކުދިންގެ ހެދުން ފަރުމާ ކުރާ ރޮބާޓްސަށް ކުދިން ގެޔަށް ގެންދެވޭ ވަރުވީ މިދިޔަ އަހަރު ފަހުކޮޅުގައެވެ. މިހާރު ތުއްތު ދެކުދިން އުފަންވިތާ 6 މަސް ވެފައިވާއިރު، ދެކުދިންގެ ހެދިބޮޑުވުމުގައި ތަފާތު ފާހަގަކުރެވޭކަމަށް ރޮބާޓްސް ބުނެއެވެ. ކުދިންގެ ބައްޕަ ވީވާ ބުނާ ގޮތުގައި، ބޭބެ އާ އެއްހަމަ ކުރަން ރޮސަލީ ވަރަށް މަސައްކަތް ކުރެއެވެ. ދެކުދިންގެ ހެދިބޮޑުވުމުގައި ތަފާތު ހުރިނަމަވެސް، އެ ދެކުދިން އެއްކުއްޖެއް އަނެއްކުއްޖަކާ ވަރަށް ގުޅޭ ކަން ފާހަގަކުރެވޭ ކަމަށް އެމީހުން ވަނީ ބުނެފައެވެ.
މިދެމަފިރިން އަންނަނީ މިދެކުދިންގެ ހެދިބޮޑުވުން ރެކޯޑު ކުރަމުންނެވެ. އަދި އެމީހުންގެ އިންސްޓަގްރާމު ޕޭޖު 1000 އަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކިހިސާބުތަކުން ފޮލޯކުރަމުން އަންނަ ކަމަށާއި، މި އާދަޔާ ހިލާފު ހަބަރުން ހައިރާންކަން ގެނުވާކަމުގައި ގިނަ މީހުން ބުނެފައިވެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް