ލައިފް ސްޓައިލް

ކިމް ކާޑޭޝިއަން ބިލިއަނަރުންގެ ލިސްޓަށް!

ކިމް ކާޑޭޝިއަން ބިލިއަނަރުންގެ ލިސްޓުގައި ހިމެނިއްޖެއެވެ. ފޯބްސުން އިއްޔެ ނެރުނު ބިލިއަނަރުންގެ ލިސްޓުގައި މިއަހަރު ކިމް ރަސްމީކޮށް ހިމެނުނުއިރު އެންމެ ފުރަތަމަ އޭނާ ފޯބްސްގެ ލިސްޓަކަށް އަރާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައި ނެރުނު ޓުވިޓާގައި އެންމެ ފޮލޮވަރުންގެ ގިނަ މީހުންގެ ލިސްޓުން ބަރަކް އޮބާމާ އާއި ދާދި ކައިރިން ވާދަކޮށްގެންނެވެ.

އޭގެ 5 އަހަރުފަހުން އޭނާގެ މޯބައިލް ގޭމް ވިޔަފާރިން 51 މިލިއަން ޑޮލަރު ލިބިގެން ފޯބްސަށް އަރާފައިވާއިރު, މިއަހަރު ރަސްމީކޮށް ބިލިއަނަރުންގެ ލިސްޓުގައި މިވަނީ ހިމެނިގެން ގޮސްފައެވެ.

ކިމް ކާޑޭޝިއަން ވެސްޓުގެ މިލްކިއްޔާތުގައި 1 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ފޯބްސުން ލަފާ ކުރެއެވެ. އޭނާގެ ވިޔަފާރިތައް ކަމަށްވާ ''ކޭކޭޑަބްލިއު ބިއުޓީ'' އަދި ''ސްކިމްސް'' ގެ އިތުރުން، ރިއަލިޓީ ޓީވީ ޝޯ ''ކީޕިން އަޕް ވިތު ދަ ކާޑޭޝިއަން'' އިންނާއި ޑީލްތައް އިޝްތިހާރުކޮށްދިނުމާއި އެހެނިހެން ކުދިކުދި އިންވެސްޓްމަންޓްތަކުން މިދިޔަ އޮކްޓޫބަރުގައި 780 މިލިއަން ޑޮލަރު އޭނާއަށް ލިބިފައިވާ ކަމަށް ފޯބްސުން ރިޕޯޓުކުރެއެވެ.

ކިމްގެ ''ކޭކޭޑަބްލިއު'' ގެ ވިޔަފާރި އޭނާ ފަށާފައިވަނީ 2017 ވަނަ އަހަރު އޭނާގެ ކޮއްކޮ ކައިލީ ޖެނާ ލޯންޗު ކުރި ކާމިޔާބު ކައިލީ ކޮސްމެޓިކްސުން ހިތްވަރު ލިބިގެންނެވެ. ކޮއްކޮގެ ވިޔަފާރީގެ ފިޔަވަޅުތަކުގެ މަތިން ކިމްވެސް ވަނީ ސީދާ މީސްމީޑިއާ މާކެޓިން އަށް އަމާޒުކޮށް އިޝްތިހާރު ކޮށްގެން ވިޔަފާރި ފުޅާކޮށްފައެވެ.

ކިމްގެ ވިޔަފާރީގެ ތެރެއިން ފުރަތަމަ ލޯންޗުކުރި 300،000 ކޮންޓުއާ ކިޓުތައް ދެގަޑި އިރުގެ ތެރޭގައި ވިކި ހުސްވި އެވެ. 2018ވަނަ އަހަރު އޭނާގެ ވިޔަފާރި ފުޅާކޮށް އައިޝެޑޯ، ކޮންސީލާ، ލިޕްސްޓިކާއި ސެންޓުތައް މާކެޓަށް ނެރެ އަހަރެއްގެ ތެރޭ ލިބޭ އާމްދަނީ 100،000 މިލިއަން ޑޮލަރަށް އިތުރު ކުރިއެވެ.

''މިއީ އަހަރެން ލައިސަންސް ޑީލްތަކުގެ ބަދަލުގައި، އަމިއްލަ ވިޔަފާރީގެ ވެރިއަކަށް ބަދަލުވެގެން ދިޔަ ފުރަތަމަ ފަހަރު'' 2017ގައި އޭނާ ލޯންޗުކުރި ރީތިވާ ސާމާނުގެ ވިޔަފާރިއާ ގުޅޭގޮތުން ދީފައިވާ އިންޓަވިއުއެއްގައި ކިމް ބުނެފައިވެއެވެ.

އެ ވިޔަފާރީގެ 20 ޕަސެންޓް ހިއްސާ މިދިޔަ އަހަރު ރީތިވާ ސާމާނުގެ ވިޔަފާރި ކުރާ ކޮންގްލޮމެރޭޓް ކޯޓީއަށް 200 މިލިއަން ޑޮލަރަށް ވިއްކައިގެން ކިމްގެ ވިޔަފާރި ބިލިއަން ޑޮލަރަށް އެރުމަށް އެހީއަކަށް ވިއެވެ. މި އަދަދަކީ އަދި ޔަގީން އަދަދެއް ނޫން ނަމަވެސް، ކޯޓީ އިން ވަނީ މީގެ ކުރިން ކައިލީ ކޮސްމެޓިކްސްގެ 51 ޕަސެންޓް ހިއްސާވެސް 2020 ވަނަ އަހަރުގެ ތެރޭގައި ގަނެފައެވެ.

ނަމަވެސް ކިމްގެ ބާކީ 72 ޕަސެނޓުގެ ހިއްސާ އޮތް ވިޔަފާރިއަކީވެސް 500 މިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމުގައި ފޯބްސުން ބުނެއެވެ.

އެއަށްފަހު އޭނާގެ އަންނައުނު ވިޔަފާރި ''ސްކިމްސް'' 2019ވަނަ އަހަރު ވަނީ ލޯންޗުކޮށްފައެވެ. އޭނާ ވަނީ ފެޝަން ލޭބަލްތައް ކަމަށްވާ ''ނެޓް އަ ޕޯޓާ''ގެ ނެޓޭލީ މަސާންގެ އިތުރުން ''ތިއަރީ''ގެ އެންޑްރޫ ރޯސެން އާއެކު ވިޔަފާރި ކޮށްގެން އާމްދަނީ ހޯދާފައެވެ. އަދި އޭނާގެ ބްރޭންޑް މާކެޓް ކޮށް ވިއްކުމަށް އޭނާގެ ގިނަ މީސްމީޑިއާ ފޮލޯވަރުންގެ ބޭނުން ހިފާފައި ވެއެވެ. ކިމް ކާޑޭޝިއަންގެ ޓުވިޓާ ފޮލޮވަރުންގެ އަދަދު 69.6 މިލިއަން ގައި ހުރިއިރު، އިންސްޓަގްރާމުގައި 213 މިލިއަން ފޮލޮވަރުން ހިމެނެއެވެ.

ސްކިމްސްގެ ވިޔަފާރި ފުޅާވެގެން ދިއައީ ޕެންޑެމިކުގެ ތެރޭގައި ގިނަ މީހުން ބޭރުތެރޭގައި އުޅުމުގެ ބަދަލުގައި ގޭތެރޭގައި ގިނަ ވަގުތު އުޅެން ޖެހުމުގެ ސަބަބުން، މީހުން ލާން ބޭނުންވާނެ ކޮމްފޮޓެބަލް ވެއާ އަށް އަމާޒުކޮށް އޭނާ ލައުންޖްވެއާއަށް ދިން ސަމާލުކަމުންނެވެ.

ސްކިމްސާއި ގުޅުން ހުރި ތަފާތު ވިޔަފާރިތަކުގެ ހިއްސާ ކާޑޭޝިއަން ވެސްޓް ގަނެފައިވާ ކަމުގައި ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާކަމަށް ފޯބްސުން ވަނީ ބުނެފައެވެ. އޭގެ ސަބަބުން މިވިޔަފާރިއަށް 500 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކޮށް، ސްކިމްސް ވިޔަފާރިން އެކަނި 225 މިލިއަން ޑޮލަރު ލިބި، ބިލިއަނަރަކަށް ވުމުގައި ބޮޑު ރޯލެއް އަދާކުރާ ކަމުގައި ފޯބްސުން ރިޕޯޓުކުރެއެވެ.

އޭނާގެ މިލްކިއްޔާތުގައި ބާކީ ދެން ހުރި ފައިސާ ހޯދަނީ އިންވެސްޓްކޮށްގެންނާއި ރިއަލް އެސްޓޭޓް ވިޔަފާރިންކަމަށް ލަފާ ކުރެވޭ ކަމަށް ފޯބްސް އިން ބުނެއެވެ.

2012 އިން ފެށިގެން ކޮންމެ އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ޓެކްސް އަށް ނުކަނޑާ) އޭނާ އަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ރިއަލިޓީ ޝޯ ''ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަން" އިންނާއި، އިޝްތިހާރުތަކުން އަދި މޯބައިލް ގޭމް ވިޔަފާރިންނާއި އޭނާގެ ކިމޯޖީ އެޕުން ލިބިފައިވާ އާމްދަނީ ހިމެނެއެވެ.

އޭނާގެ ބިންތައް ކެލަބަސަސް އަދި ލޮސް އެންޖެލްސް ގައި ހުރެއެވެ. އަދި މިހާރު ވަރިވާން ނިންމާފައިވާ އޭނާގެ ފިރިމީހާ 2017 ގައި ކިމް އަށް ހަދިޔާއެއްގެ ގޮތުގައި ހޯދައިދިން އިންވެސްޓްމަންޓްގެ ސަބަބުން ޑިޒްނީ، އެމޭޒަން، އެޑިޑަސް އަދި ނެޓްފްލިކްސުން ހިއްސާ ލިބެމުންދެއެވެ.ނަމަވެސް އޭނާ ބިލިއަނަރަކަށް ވުމުގެ ފަހަތުގައިވަނީ އޭނާ އަމިއްލައަށް ލޯންޗު ކުރި ވިޔަފާރިތަކާއި އެ ވިޔަފާރިތައް ޕްރޮމޯޓްކޮށްގެން ހޯދި ކާމިޔާބީ އެވެ.