މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މީމު މަސް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރާއި މ. މުލަކު ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. ޖުމުލަ 17.66 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 105 ދުވަސް ތެރޭގައެވެ.
މ. މަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
ޖުމުލަ 56.13 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 22،240 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 160 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު