ކުދިން ސުކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނިވެރިންނަށް ފިޔަވަޅު އަޅައިދިނުމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެދިއްޖެ އެވެ.
އެޗްއާރުސީއެމުން އެގޮތަށް އެދިފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ، ސްކޫލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021ވަނަ އަހަރު އަމަލުކުރާނެ އުސޫލަށް ކޮމިޝަނުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގަ އެވެ.
އެޗްއާރުސީއެމުން ބުނީ، އިންސާނީ ހައްގުތަކުގެ ނަޒަރުން އެ އުސޫލު ރިވިއު ކުރުމަށް ފަހު ޖުމުލަ ހަތް އިސްލާހެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، ސްކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނިވެރިން ފާހަގަކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވާލުން ހިމެނޭނެ ކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.
ސިއްހީ ހާލަތެއް ނުވަތަ އެނޫންވެސް ހާލަތަކާ ގުޅިގެން ސްކޫލަށް ހާޒިރު ނުވެވޭ ކުދިންނަށް ތައުލީމު ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކޮށްފައި ނުވާ ކުދިން ފާހަގަކޮށް އެކުދިންގެ ފެންވަރު ބެލުމަށްފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ އެދިފަ އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ސަރުކާރު ސްކޫލުތަކުގައި ތައުލީމު އުނގެނެވޭނެ ހަމަހަމަ ފުރުސަތު ހަމަޖެއްސުމަށް ވެސް އެޗްއާރުސީއެމުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި އެދިފަ އެވެ.
މި އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅޭނެ އަދި ޝަކުވާ ބެލޭނެ ނިޒާމާގުޅޭ މާއްދާއެއް އުސޫލުގައި ހިމަނާފައި ނުވާތީ އެކަން އިސްލާހު ކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު