ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލައިގައި ސޮއި ކުރެއްވި 10 މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އޭނާގެ ސޮއި އަނބުރާ ގެންދެވުމުން އެކަމުގައި ދެން ކަން ކުރާނެ ގޮތުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.
މަޖިލިސް ރައީސް އެކަމުގެ މަޝްވަރާއަކަށް އެދިވަޑައިގެން ކޮމިޓީއަށް ހުށަހެޅުއްވީ އިއްޔެއެވެ.
އިއްޔެ ބޭއްވި އާއްމު ކޮމެޓީގެ ބައްދަލުވުކުގައި އެ ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޗެއާ ޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، މަޖިލީހުގެ 10 މެންބަރުން ސޮއި ކުރައްވައި، 10 މާޗްގައި މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައި ވަނިކޮށް އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އެ މެންބަރުގެ ސޮއި އަނބުރާ ގެންދެވިކަމަށް ވިދާޅުވެ މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ މައްސަލައިގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކޮމިޓީގެ މަޝްވަރާއަކަށް އެދިވަޑައިގެން، ކޮމިޓީއަށް އިއްޔެ ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
އެ މައްސަލައިގައި ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނުރަސްމީކޮށް މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ހަސަލް ލަތީފް ވިދާޅުވީ، އެ މައްސަލައަށް ކޮމިޓީން ގޮތެއް ކަނޑައެޅުމުުގެ ކުރިން، އެފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެން ގައުމުތަކުން ކަންކޮށްފައިވާ ގޮތާ ބެހޭ ދިރާސާއެއް ކުރަން މެންބަރުން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ ކުރިން އެފަދަ ކަންތަކުގައި މަޖިލީހުން ކަން ކޮށްފައިވާ ގޮތް އެނގެން ނެތުމާއެކު އެކަމާބެހޭ މައުލޫމާތުވެސް ހޯދައިގެން އެ މައްސަލައަށް ގޮތެއް ނިންމުމަށް މެންބަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން އެ ކަންތައްތަކަށް ބެއްލެވުމަށްފަހު މިއަދު އެކަމަށް ގޮތެއް ނިންމުމަށް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުން ވަނީ ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް