ޓެކްނޮލޮޖީގެ ދާއިރާއަށް އަންހެން ކުދިން ޝައުގުވެރި ކުރުވުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ''ގާލްސް ޓު ކޯޑް''ގެ ދެ ވަނަ ޕްރޮގްރާމް ނިންމާލައިފި އެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ 12 އިން މިމަހުގެ 15ގެ ނިޔަލަށެވެ. މިޕްރޮގްރާމުގައި ތިނަދޫން 14 އަހަރާއި 20 އަހަރުގެ 17 ދަރިވަރުން ބައިވެރިވި އެވެ.
ދިރާގުން ބުނީ ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ވާޗުއަލްކޮށް ބޭއްވި ހަފުލާގައި ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތިން ވެބްސައިޓް ވެސް ދައްކާލާފައިވާ ކަމަށް ބުންޏެވެ.
ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ޝިފާޒު ވިދާޅުވީ އެ ޕްރޮގްރާމުން ދަސްކުރި ކޯޑިން ހުނަރަކީ މުސްތަގުބަލުގައި ވަޒީފާއާ ހަމައަށް ދާއިރު ވެސް އަދި އަމިއްލަ މަސައްކަތެއް ކުރި ނަމަވެސް ފައިދާ ހުރި އަދި ބޭނުން ހިފޭނެ ހުނަރެއް ކަމަށެވެ. އަދި ކޯޑިންނާއި ޓެކްނޮލޮޖީގެ ހުނަރަކީ ކުދިންގެ ވިސްނުން އިތުރަށް ތަރައްގީ ކުރުމަށް ލިބިދޭ ބާރެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑު ކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު