ދުނިޔެ

40،000 ފޫޓު މަތީގައި ކައިވެނި ކުރަން ބޭނުންތަ؟ އެމިރޭޓްސް އިން އެކަން ކޮށްދެނީ

މުހައްމަދު އައުޒަމް

ތަފާތު ގޮތްގޮތަށް ކައިވެނި ކުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އެހެން ބަޔަކު ނުކުރާ އާ ގޮތް ގޮތަށް ކައިވެނި ހަފުލާ ބޭއްވުމަކީވެސް މިހާރުގެ ޓްރެންޑެކެވެ.

އޭވިއޭޝަން ފޭނުންނަށް ޔޫއޭއީގެ މަޝްހޫރު އެއާލައިން އެމިރޭޓްސް އިން މިވަނީ ހާއްސަ ކަމެއް ތައާރަފު ކޮށްފައެވެ.

އެމިރޭޓްސް އިން ވަނީ އެ އެއާލައިންގެ އެންމެ ބޮޑު ފްލައިޓު އޭ380 ގައި 40،000 ފޫޓު މަތީގައި ކައިވެނި ހަފުލާ ބޭއްވުމަށް ބޭނުންވާ މީހުންނަށް އެ ހިދުމަތް ތައާރަފުކުރަން ނިންމާފައިވާކަން އާންމުކޮށް ޓުވީޓު ކޮށްފައެވެ.

އެމިރޭޓްސްގެ ޓުވީޓުގައި ވަނީ އެ އެއާލައިން އިން ދަތުރުކުރާ ވަކި ހާއްސަ ރޫޓު ތަކުގައި ކައިވެނި ހަފުލާ ބޭއްވުމަށް ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ.

ޓުވީޓު ކުރުމުގެ އިތުރުން އެމިރޭޓްސް އިން އެކަމުގެ އިތުރު މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.

އޭވިއޭޝަން ހަބަރު ގެނެސްދޭ ބައެއް މަސްދަރުތަކުން ވަނީ އެމިރޭޓްސް އިން މިއީ އޭޕްރީލް ފޫލް ހެދުމަށް ކުރި ޓުވީޓެއް ކަމަށްވެސް ބުނެފައެވެ.