ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވުމަށްފަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސޮއި އަނބުރާ ގެންދަވައިފިއެވެ.

ދިހަ މެމްބަރުންގެ ސޮޔާއެކު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި އިދިކޮޅުގެ ނުވަ މެންބަރަކު ވަނީ ސޮއިކޮށްފައެވެ.

ޖާބިރު މިރޭ "ވަން" އަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމަށާއި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް މިނިސްޓަރު ޒަހާ ޔަގީންކަން ދެއްވާފައިވާތީ މިނިސްޓަރުގެ އިތުބާރު ނެތް މައްސަލައިގައި ކޮށްފައިވާ ސޮއި އަނބުރާ ގެނެސްފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މިނިސްޓަރުގެ އިތުބާރު ނެތް މައްސަލައިގައި ކޮށްފައިވާ ސޮއި އަނބުރާ ގެނެސްފައިވާ ކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން އެކަން ދަންނަވާފައިވާ ކަމަށެވެ.

ޖާބިރުގެ ސޮއި ނެންގެވުމުން ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ބޭރުވެފައެވެ. އެއީ ރައްޔިތުންގެ މަޖިލިސް ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުން ބަލައިގަންނާނީ ދިހަ މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުންނެވެ.

ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވަނީ، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑުކުރެވިފައި ނުވާ ކަމަށް ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދިނުމަށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓަރީތައް ގާއިިމުކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައިނުވާ ކަމަށް މައްސަލައިގައިވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތެއް ބޭނުންވާނެއެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ.