ސިވިލް ސާވަންޓުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތައް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުށްވެރިކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ސިވިލް ސާވިސް ވަޒީފާއަށް ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން ސިޔާސީ ކަންކަމުގައި އަނގައިން ނުބުނެވޭނެ ކަމަށެވެ. އަދި ސިވިލް ސާވިސްގައި ހުންނަ މީހަކީ ވަކި މިންގަނޑުތަކަކަށް، ވަކި އުސޫލުތަކަކަށް ތަބާވާން ޖެހޭ މީހެއް ކަމަށާއި ބޭނުންހާ ވާހަކައެއް ނުވެސް ދެއްކޭނެ ކަމަށް ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ޓީޗާސް އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ މިނިވަންކަމާއެކު ހިޔާލުފާޅުކުރުން ތަންމިނަށް ހުޅުވައިދޭނެ ކަމަށް ވައުދުވާ ޕާޓީއެއް ތަމްސީލުކުރާ މެންބަރަކަށްވެ ހުންނަވައި، ސަލީމް ދެއްކެވި ވާހަކައަކީ ޕާޓީގެ އެންމެހައި މެންބަރުންނަށާއި އޭނާ ނިސްބަތްވާ ހޯރަފުށީ ދާއިރާގެ އެންމެހައި ރައްޔިތުންނަށާއި ސިވިލް ސާވަންޓުންނަށް ކުރި މަލާމާތެއް ކަމަށެވެ.
"ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ސިވިލް ސާވަންޓުންނަކީ ވަޒީފާ ބަޔާނުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުން ލައިގެން ތިބެންޖެހޭނެ ބައެއް" ކަމަށް ބުނެ ދައްކާފައިވާ ވާހަކަތައް މި އެސޯސިއޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.
ޓީޗާސް އެސޯސިއޭޝަންގެ ބަޔާނުގައި ބުނީ ރައްޔިތުންގެ ހުއްގުތައް އުނިވާ ފަދަ ގޮތަކަށް ޑިމޮކްރެޓިކް ޕާޓީއަކަށް ނިސްބަތްވެ ހުރެ، ރައްޔިތުންގެ މަޖިލީހާ މެދު ސިވިލް ސާވަންޓުންގެ ހިތުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭނެ ފަދަ ގޮތްގޮތަށް ސަލީމް ވާހަކަދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑި އަމަލެއް ކަމަށެވެ.
މަޖިލީހުގައި ސަލީމް ދެއްކެވި ވާހަކަތަކަށް ފަހުން އޭނާ މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އެ ވާހަކަތައް އޭނާ ވަނީ ދިފާއުކުރައްވައިފައެވެ. މީގެ ކުރިން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ދެއްކެވި މުޅި ވާހަކައިގައި އަމާޒު ކުރެއްވީ ސިވިލް ސާވަންޓުން ގައުމު ބިނާ ކުރުމުގައި އަދާކުރަން ޖެހޭ މުހިންމު ދައުރުގެ ވާހަކައަށް ކަމަށާއި އެއީ ސިވިލް ސާވަންޓުންނަށް ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެފަދައިން ވާހަކައެއް ދެކެވުނު ނަމަ ސިވިލް ސާވަންޓުންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު