ލައިފް ސްޓައިލް

ހަނާ މޮންޓާނާ އަށް 15 އަހަރު! މައިލީ ސައިރަސް ފާހަގަކުރީ އަސަރުގަދަ ސިޓީއަކުން!

ހަންނާ މޮންޓާނާ ސީރީޒް އަށް 15 އަހަރު ފުރިފައެވެ. ހަނާ މޮންޓާނާ އަކީ މައިލީ ސައިރަސް، ހަނާގެ ކެރެކްޓަރއިން ދައްކުވައިދޭ ޑްރާމާ ޝޯއެކެވެ.

ހަނާ މޮންޓާނާގެ ވާހަކަ ބިނާވެފައި އޮންނަނީ މަޝްހޫރު ލަވަކިޔުންތެރިއެއް ގޮތުގައި ދައްކުވައިދޭ ކެރެކްޓާ ހަނާ މޮންޓާނާ، އައިޑެންޓިޓީ ފޮރުވައިގެން އާދައިގެ ދިރިއުޅުމެއް އުޅޭ މައިލީ ސްޓުވާޓްގެ ދިރިއުޅުމުގެ މައްޗަށެވެ. އަދި އޭނާ އަކީ ކާކުކަން ނޭނގޭ ގޮތަށް އުޅެން މަސައްކަތްކުރާއިރު ދިމާވާ ކަންކަމުގެ މައްޗަށެވެ.

2006 ވަނަ އަހަރު ދައްކަން ފެށި މި ސިޓްކަމްގެ 4 ސީޒަން ޑިޒްނީ އިން ޕްރިމިއަ ކޮށް، އެންމެ ފަހު އެޕިސޯޑް ބެލުންތެރިންނާ ހިސާބަށް ދޫކޮށްލާފައިވަނީ 2011ވަނަ އަހަރުގައެވެ. މި ސީރީޒްގެ ތީމް ލަވަ "ދަ ބެސްޓް އޮފް ބޯތު ވޯލްޑްސް'' އަކީވެސް ވަރަށް މަޝްހޫރުވެގެން ދިޔަ ލަވައެކެވެ. އަދި މައިލީ ސައިރަސްއަށް ވަރަށް ބޮޑު މަޝްހޫރުކަމެއް މި ޝޯގެ ސަބަބުން ލިބިގެން ދިޔައެވެ. މިޝޯގައި ފެންނަ ކެރެކްޓާތަކުގެ ތެރޭގައި މައިލީގެ ބައްޕަ، މަޝްހޫރު ލަވަކިޔުންތެރިޔާ ބިލީ ރޭ ސައިރަސް އޭނާއާއެކު ފެނިގެން ދެއެވެ.

15 އަހަރު ކުރިއްސުރެ މިޝޯއާއެކު އޭނާ ކުރި ތަޖުރިބާ ހިއްސާކުރަމުން، މައިލީ މިވަނީ އަސަރުން ފުރިގެންވާ ސިޓީއެއް ހަނާ އަށް އެޑްރެސްކޮށް ލިޔެފައެވެ.

ޝޯގެ ހަނދާންތައް އާ ކުރަމުން އޭނާ ބުނެފައިވަނީ، މި ޝޯ އާއެކު ބޮޑުވަމުން އައިއިރު ހަޔާތުގައި ދިމާވި ގިނަ އާ ކަންކަމާވެސް އޭނާ ކުރިމަތިލީ މި ޝޯގެ ތެރެއިންކަމަށެވެ.

މައިލީ ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ ބައްޕައާއެކު ކޮންމެ ދުވަހަކު މަސައްކަތްކުރަން ލިބުން ވީ އުފަލަކަށެވެ. މައިލީ ވަނީ ޝޯގެ އެންމެ ފަހު އެޕިސޯޑްގެ ވާހަކައާއި ޝޯގައި ކިޔައިދިން ލަވަތައް ފާހަގަކޮށްފައެވެ.

އޭނާ ވަނީ މިފުރުސަތު ދިން ކަމަށްޓަކައި، ޑިޒްނީއަށް ޝުކުރުވެރިވާކަމަށް ބުނެފައެވެ. އެގޮތުން ޑިޒްނީގެ ކްރޫ އަށާއި، ކާސްޓުން އަދިި މެނޭޖަރުންނަށް، ހާއްސަކޮށް އޭނާގެ މަންމައަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މަންމަ އޭނާ ގެ ކޮންމެ އޮޑިޝަނަކަށްވެސް ގެންދިޔަ ކަމަށާއި، ރަށުން ބޭރަށް ދާން ޖެހުނަސް ގޮވައިގެން އެކުގައި ދިޔަކަން ފާހަގަކޮށްފައި ވެއެވެ. އަދި އޭނާގެ ކޮއްކޮއަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.

މައިލީ ބުނެފައިވާ ގޮތުގައި ހަނާ މޮންޓާނާއަކީ އަންހެން ކުއްޖަކަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ. އަދި ހަނާ މޮންޓާނާ ދެކެ އަބަދުވެސް ލޯބިވާނެ ކަމުގައި ބުނެފައިވެއެވެ.

ގިނަ މީހުން އަންނަނީ މައިލީގެ މި އަސަރު ގަދަ ސިޓީއަށް ތައުރީފު ކުރަމުންނެވެ. އަދި ބައެއް މީހުން ވަނީ މި ޝޯގެ އެނބުރި އައުމެއް ނޯންނާނެތޯ ސުވާލުކޮށްފައެވެ.

މިހާރުވެސް ޑިޒްނީ އިންޓަނޭޝަނަލް ޗެނަލުން ހަނާ މޮންޓާނާގެ އޭރުގެ އެޕިސޯޑްތައް ދަނީ ދައްކަމުންނެވެ.

މައލީ ސައިރަސްގެ ޓްވީޓް---