މ. މުލީގައި ގާއިމުކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ނިމުމުން އެއަތޮޅު ނާލާފުއްޓާއި މުލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ "ރަށްވެހި ފަތިސް" ކެމްޕެއިން ޕްރޮގްރާމްގައި މިރޭ މ. އަތޮޅުގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނާލާފުއްޓާއި މުލި ގުޅާލުމުގެ ވިސްނުމެއް އެބަހުރި ކަމަށާއި އެކަން ކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން މިހާރު ސާވޭއެއް ކުރަމުން އަންނަ ކަމަށެވެ.

"މުލީގައި އެއާޕޯޓް އަޅާ ނިމުމަށް ފަހުގައި ދެން އެ މަޝްރޫއާ ދިމާލަށް އަޅުގަނޑުމެން ދާނީ. އެއީ ރަނގަޅު ކަމެއް ކަމަށް ވަންޏާ، އަޅުގަނޑު ހިތުން އެއީ ރަނގަޅު ކަމެއް ކަމަށް ފާހަގަކުރެވެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދެ ރަށް ކޯޒްވޭއަކުން ގުޅާލުމަށްޓަކައި މި އަހަރު ފީޒިބިލިޓީ ހެދިގެންދާނެ ކަމަށެވެ. އަދި އެ ދެ ރަށް ގުޅާލުމުން ނާލާފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މުލި އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށާއި އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި އަންނަ މަހު އެ މަސައްކަތް މޮބަލައިޒް ކުރުމުގެ ކަންކަން ފެށިގެންދާނެ ކަަމަށާއި ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާލާފުއްޓާއި މުލި ގުޅާލާނެ ކަމަށް ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.