މާލޭގެ އާޓިފިޝަލް ބީޗުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަަށްގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެޑައިގަތެވެ.
މި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އާޓިފިޝަލް ބީޗަށް މިހާ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގައި އަމިއްލައަށް އުޅެވޭ އިންތިޒާމު މިހާތަނަށް ހަމަޖެހިފައި ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
އާޒިމް ވިދާޅުވީ މި ސަރުކާރަކީ ހަމައެކަނި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަންކަން ކޮށްދޭނެ ކަމަށް ބުނެ ވައުދުވެ، އަނގަބަހުން އެކަންކަން ނިންމާ ފަރާތްތަކެއް ނޫން ކަމަށާއި މި ސަރުކާރުން އެކަން އަމަލުންވެސް ދައްކާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޓީސީސީއަކީ އަބަދުވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި އެކުންފުނީގެ އަމާޒަކީ އަބަދުވެސް އެފަދަ ފަރާތްތަކަށް އެހީތެރިވުން ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ކަންކަން އަޑު އަހާ ސަރުކާރެއް ކަމަށާއި މިކަންކަން އެހާ ފަސޭހަ ކަމާއެކު މިއަދު ވެގެންދާ އެއް ސަބަބަކީވެސް ސަރުކާރުން ރައްޔިތުންގެ އަޑު އެހުން ކަމަށެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ އާޓިފިޝަލް ބީޗްގައި މީގެ ކުރިން މިފަދަ ތަނެއް ހެދިފައިނެތީ ކުރީ ސަރުކާރުތަކުން އެކަންކަމަކީ ކުރުން މުހިންމު ކަންކަން ކަމުގައި ނުދެކޭތީ ކަމަށެވެ.
މަހުލޫފް ވިދާޅުވީ މި ސަރުކާރުން މިފަދަ އެތައް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މިއަދު އާޓިފިޝަލް ބީޗްގައި މިފަދަ ތަނެއް ގާއިމު ކުރެވިގެންދާކަމީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެމްޓީސީސީ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީ (އެމްއޭޕީޑީ) ބައިވެރިވެގެން ހަދާ މި ރޭމްޕުގެ މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު