ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލަ ފޮރުވައިގެން ދެން ނުތިބެވޭނެ ކަމަށާއި އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވާ ދެ މުސާރައަކީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި މަޖިލީސް ރައީސްގެ މުސާރަ އާއި އިނާޔަތެވެ.

މަލީހު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަކީ "ދެ މުސާރަ ތަކުރު" ކަމަށާއި ދެން އެކަން ފޮރުވައިގެން ނުހުރެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު ކޮންމެވެސް އެއް މުސާރައެއް ރައްޔިތުންގެ ހައްގުގައި ދޫކޮށްލުމުގެ ގަޓް ހުންނާނެތޯވެސް މަލީހު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ދެ މުސާރަ ތަކުރު ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. އާރްޓީއައިގެ ދަށުން މާދަމާ މަޖިލީހަށް ހުށަހަޅާނަން. މަޖިލިސް މެންބަރު/ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތް،" މަލީހު އިއްޔެ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ރައީސެއްގެ ދައުރަކީ ފަސް އަހަރު ކަމަށާއި ނަމަވެސް ރައީސް ނަޝީދު ވެރިކަން ކުރެއްވީ ދެ އަހަރާ ބައި ކަމަށެވެ. ނަމަވެސް ދައުރެއްގެ ފައިސާ ނެގުމަކީ ރައްޔިތުންނަށް ގައްދާރުވުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް މަހަކު ލިބިވަޑައިގަންނަވަނީ 100،000 ރުފިޔާ ކަމަށާއި ނަޝީދު މިހާރުވެސް އޭގެ ދެގުނައަށްވުރެ ގިނައިން ނަންގަވާ ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

"ފެންނާން ހުރި މަދު ރޯ މައުލޫމާތުތަކަށް ބަލާއިރު، ރައްޔިތުންގެ އަތުން މަހަކު 265،419.70 ރުފިޔާ ނަންގަވާ. މީގެ ތަފްސީލު ބްރޭކް ޑައުން ހޯދައި އަދި ހާމަ ނުކޮށް ހުރިކަންކަން ފަޅާ އަރުވާނަން. މީ މަހަކު 17 މީހުން ފަގީރުކަމުން މިންޖުވާހާ ފައިސާ،" މަލީހު ވިދާޅުވި އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000 ރުފިޔާ ދޭން ޖެހެ އެވެ. އަދި އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000 ރުފިޔާ ދޭން ޖެހެ އެވެ. މީގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000 ރުފިޔާއާ ހަމައަށް ދައުލަތުން އިނާޔަތް ދޭން ޖެހެ އެވެ.