ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕު އާޓިސްޓު އިސްމާއިލް އިފްހާމް (ޕެސްޓް)ގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރު ކޮށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޕެސްޓު އާއެކު އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.
އެ މައްސަލައިގައި ޕެސްޓުގެ އިތުރުން ދެން ހައްޔަރު ކޮށްފައިވަނީ، ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން (23އ) އެވެ.
އެ މައްސަލައިގައި ޕެސްޓުގެ އިތުރުން ޝަމްއޫނުގެ ބަންދަށް ވެސް 10 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. އަނެއް ތިން މީހުންގެ ބަންދަށް އިތުރު ކޮށްދީފައި ވަނީ ހަތް ދުވަހެވެ.
ޕެސްޓާއެކު ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. އަދި ދެވަނަ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން 10 ދުވަހަށް މުއްދަތު ދަންމާލިއިރު އޭގެ ފަހުން އިތުރުކޮށްދިނީ ފަސް ދުވަހެވެ.
ބަންދު މުރާޖާ ކުރުމަށް އެ ފަރާތްތައް ހާޒިރު ކޮށްފައިވާއިރު ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އެ މީހުން ހައްޔަރު ކޮށްދިނުމުގެ އަމުރަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު