ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން އެ ރަށަށް ގޮސް ތައްޔާރުވެއްޖެ އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެ ދެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 39.113 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 36.663،229 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

އެ މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ބޭނުމަކީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖްގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީއަކީ އެއް ވަގުތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި އެމްޓީސީސީއަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއެކުވެސް، ކުންފުނީގެ އަމާޒަކީ އެ މަސައްކަތެއް ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫއުތައް ނިންމި އަހަރަކީ މިދިޔަ އަހަރު ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިއަހަރަކީ ވެސް ގިނަ މަޝްރޫއުތަކެއް ނިންމައި، ކާމިޔާބު އަހަރަކަށް ހެދުމަކީ އެމްޓީސީސީގެ އަމާޒެކެވެ.