ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލަޒިޒްކޮށްފި އެވެ.

ޖުމްލަ 52.99 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަސައްކަތުގެ ދަށުން، 2.3 ހެކްޓަރުގެ ބިން ހިއްކުމާއި، 76.170،65 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއުގެ ތެރެއިން 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 9.123 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 55.170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

އެ މަސައްކަތް ނިންމަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭގަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި އެމްޓީސީސީއަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއެކުވެސް، ކުންފުނީގެ އަމާޒަކީ އެ މަސައްކަތެއް ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫއުތައް ނިންމި އަހަރަކީ މިދިޔަ އަހަރު ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިއަހަރަކީ ވެސް ގިނަ މަޝްރޫއުތަކެއް ނިންމައި، ކާމިޔާބު އަހަރަކަށް ހެދުމަކީ އެމްޓީސީސީގެ އަމާޒެކެވެ.