މި ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު އެހެން ވިދާޅުވެފައިވަނީ އިންޑިއާ ޓުޑޭ ކޮންކްލޭވްގައި ވާހަކަދައްކަވަމުންނެވެ.

'ނެއިބަރހޫޑް ނެވިގޭޝަން ދަ ކޮމޮން ވޯޓާސް އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް' ނަމުގައި ބޭއްވި ސެޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޖިއޮގްރަފިކަލް ގޮތުން ރާއްޖެ އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ރާއްޖެއަކީ އަގުނުކުރެވޭނެ ފަދަ ބައިވެރިއެއް ކަމަށާއި އަދި ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކުރައްވައި ވާހަކަދައްކަވައިފައެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިންމު ދައުރާއި އިންޑިއާގެ އިސްނެގުން ފާހަގަކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އިތުރުން އިންޑިއާ ފައުންޑޭޝަންގެ ބޯޑް އޮފް ގަވަނާސްގެ މެމްބަރު ރާމް މަދަވް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފަ އެވެ.

އިންޑިއާގެ ޗެންނާއީގައި ބާއްވާ އެ ބައްދަލުވުމަކީ، މިކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. އެ ބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމުކުރަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.