ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕު އާޓިސްޓު އިސްމާއިލް އިފްހާމް (ޕެސްޓް)ގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޕެސްޓު އާއެކު އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ.

އެ މައްސަލައިގައި ޕެސްޓުގެ އިތުރުން ދެން ހައްޔަރު ކޮށްފައިވަނީ، ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން (23އ) އެވެ.

ޕެސްޓާއެކު ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. އަދި ދެވަނަ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން ގާޒީ އާދަމް މުހައްމަދު ވަނީ 10 ދުވަހަށް މުއްދަތު ދަންމާލައިފަ އެވެ.

ބަންދު މުރާޖާ ކުރުމަށް މިއަދު އެ ފަރާތްތައް ހާޒިރު ކޮށްފައިވާއިރު ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އެ މީހުން ހައްޔަރު ކޮށްދިނުމުގެ އަމުރަކަށެވެ. ނަމަވެސް މިއަދުގެ މުއްދަތު މަޖިލީހުގައި ގާޒީ އަލީ އާދަމް ނިންމެވީ އިތުރު ފަސް ދުވަސް ބަންދަށް އިތުރު ކޮށްދިނުމަށެވެ.