ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އޭނާއަށް ފޮނުވައިފި އެވެ.
ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު މެންބަރުން އިސްވެ މަޖިލީހަށް ވެއްދީ އިއްޔެ އެވެ.
މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެއެވެ.
ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވަނީ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭން ޖެހޭ ހިދުމަތް ދިނުމުގައި މިނިސްޓަރު އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ.
މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް އިދކޮޅު ފަރާތްތަކުން ހުށަހަޅާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އިދިކޮޅުން ހުށަހެޅީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. ނަމަވެސް އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުން ބަލައިގަންނާނީ 10 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތެއް ބޭނުންވާނެ އެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު