މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް ނެތް، އަދި ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މޯލްޑިވަސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

ދިހަ މެންބަރުންގެ ސޮޔާ އެކު އިދިކޮޅުން އިއްޔެ މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފަ އެވެ.

އެކަމާއި ގުޅިގެން ޒާހާ ނިސްބަތްވެވަޑައިގަންނަވާ އަދި ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ކުޑަ ޕާޓީ، އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓަރ ޒަހާއަކީ މެރިން ބައޮލޮޖީ އަދި އޯޝަނޮގްރަފީ ދާއިރާއިން ޖޮއިންޓް އޮނާރސް ޑިގްރީ ފުރިހަމަ ކުރައްވައި، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖުމަންޓް) ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވައިގެން ހުންނެވި ކަނބަލެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވައި އެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފަރާތެއް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

"މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެން 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި އޮތް މަސްވެރިކަމުގެ ގާނޫނު ޒަމާނީ ގާނޫނަކަށް ބަދަލުކުރައްވައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަވައިލެއްވި. އަދި ކޮވިޑްގެ ދަތި ހާލަތުގައިވެސް އިގްތިސޯދީ މުހިންމު ސިނާއަތްތަކެއް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭން މަގު ފަހިކޮށްދެއްވި. މިއާއެކު ޔޫރަޕްގެ މާކެޓްގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ޕެސްޓިސައިޑް ގާނޫނެއް ވުޖޫދަށް ގެންނެވުމާއި، މެރިކަލްޗރ ސިނާއަތެއް ރާއްޖޭގައި ތަރައްގީކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށްލެވޭ،" ޒަހާގެ ދިފާއުގައި އެމްއާރުއެމުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިފްކޯގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިނިސްޓަރ ޒަހާ އިސްވެ ހުންނަވައިގެން ޕްލޭންތައް ހައްދަވައި އެކަމުގެ އަމަލީ މަސައްކަތް ފެއްޓެވުމަކީ މިނިސްޓަރ ޒަހާގެ ހިންގުންތެރިކަމާއި ގާބިލުކަން އެނގިގެންދާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތު ދެއްވާފައި ވާއިރު އެކަމާ ހަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން ތިއްބެވުމަކީ އެ ޕާޓީއިން ކަންބޮޑުވެ ހިތާމަކުރާ ކެމެއްކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ގައުމުގެ ތަރައްގީއަށް އަންހެނުންގެ ހިއްސާ އިތުރު ކުރުމަކީ ބޭނުންތެރިކަމެއް ކަމަށް އެމްއާރުއެމް އިން ވަނީ ބުނެފަ އެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެމްއާރުއެމުން ވަނީ ފާހަގަކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އެމަނިކުފާނުގެ ސިޔާސަތުތައް ދަމަހައްޓަވައި، ސަރުކާރާއި ރައްޔިތުންގެ ހިދުމަތުގައި މިނިސްޓަރ ޒަހާއަކީ ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށް ވެސް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

ވެރިކަމުގެ މި ދައުރުގައި ކޯލިޝަން ދެމެހެއްޓުމަށް ސަރުކާރާއެކު އެމްއާރުއެމްގެ މެންބަރުންނާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ސާބިތުކަމާއި އިހުލާސްތެރިކަމާއެކު ދެމި ތިއްބަވާނެކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފަ އެވެ.