"އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު "ނެއިބާހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައި ވާހަކަ ދައްކަވާނެ ކަމަށެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން މިސެޝަންގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވާޗުއަލްކޮށް) އަދި އިންޑިއާގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އަހަރު ބާއްވާ ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަން ބާއްވަނީ ޗެންނާއީގައި ކަމަށާއި މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު