މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑުރަގް ނެޓްވޯކެގައި އިސްކޮށް ހުރި ކަމަށް ބުނާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު، ގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައި ކޯޓުން އަމުރު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން އަރުޝަދު ދޫކޮށްލާފައި ވަނީ އޭނާގެ ބަންދު ރިވިއު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެ މައްސަލަ ބައްލަވަނީ ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު އެވެ.

އެ މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު އަމަރު ކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އަރުޝަދަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކުކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދި އެވެ.