ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު މެންބަރުން އިސްވެ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
ޖުމްލަ 11 މެންބަރުންގެ ނަން ހިމަނައިގެން ހުށަހެޅި އެ މައްސަލައިގައި އެއް މެންބަރަކު ސޮއިކޮށްފައެއް ނުވެ އެވެ. އެއީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގަތް ނަމަވެސް އިދިކޮޅު މެންބަރުންނާ އެކު މަސައްކަތް ކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އިތުބާރު ނެތް ކަމުގެ އެ މައްސަލައިގައި ސޮއިކުރައްވާފައިވާ ނުވަ މެންބަރުންނަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ. އެންމެ ފަހުން ސޮއިކުރައްވާފައި އޮތީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.
ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވަނީ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭން ޖެހޭ ހިދުމަތް ދިނުމުގައި މިނިސްޓަރު އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ.
މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ދެވަނަ ފަހަރު އެވެ. އެންމެ ފުރަތަމަ އިދިކޮޅުން ހުށަހެޅީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. ނަމަވެސް އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުން ބަލައިގަންނާނީ 10 މެންބަރުންގެ ސޮޔާއި އެކު ހުށަހެޅުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތެއް ބޭނުންވާނެ އެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު