އީރާނުގެ ބޯޓަކުން އަތުލައިގަތް 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ މުގުލުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ސ. ހިތަދޫ/ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އުމުރުން 35 އަހަރުގެ އަންވަރު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި އެހެން މީހުން ވެސް މީގެ ކުރިން ވަނީ ދޫކޮށްލައިފަ އެވެ.
އަންވަރުގެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ގޮތާއި އަދި އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރާމެދު ހިތްހަމަނުޖެހިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅި އެވެ. އަދި އެ ކޮމިޝަނުން ވަނީ އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.
އިންޑިއާގެ ކޯސްޓުގާޑާއި ރާއްޖެ އަދި ސްރީލަންކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އީރާނުގެ ދޯންޏެއް ކަމަށްވާ "އަލްޝަބާބު" ދޯނިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް އެހީތެރިވާން ދިޔަ "ހެދޭކުރި" ނަމަކަށް ކިޔާ ދިވެހި މަސް ދޯންޏެއް ވެސް އަތުލައިގަތެވެ. އެއީ ކ. ދިއްފުށީ މަސް ދޯންޏެކެވެ. އަދި އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ބޯޓުން ފެނުނީ މަސްތުވާތަކެތި އަޅާފައި ހުރި ތިން ގޯންޏެވެ. ތިން ގޯނީގައި ހުރި 70 ކިލޯ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު