ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރި ތުހުމަތުތަކާއި ގުޅިގެން އިމްތިޔާޒު އަދި ސުލޫކު ކޮމެޓީއަށް ކުރީގެ ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު، މުހައްމަދު މަލީހް ޖަމާލު ހާޒިރު ކުރުމަށް އެ ކޮމެޓީން ނިންމައިފި އެވެ.

އެ ކޮމެޓީން އެ ގޮތަށް ނިންމާފައިވަނީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު އޮތް އެ ޖަލްސާގައި ވާހަކަ ދައްކަމުން މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުން ދާކަމަށާއި ތަކުރާރުކޮށް ސަރުކާރުގެ އެކި އެކި ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅައި ބިރު ދައްކާ ކަމަށެވެ.

އެގޮތުން ޖެންޑަރ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވީ ވެސް މަޖިލިސް މެންބަރުން މަޖުބޫރު ކުރުމުން ކަމަށް ވެސް މަލީހް ތުހުމަތު ކުރެއްވި އެވެ.

މަލީހުގެ އެ ވާހަކަތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ގަދަރާއި އެތަނުގެ މަސައްކަތްތަކަށް އުނިކަމެއް ލިބިދާނެ ކަމެއް ކަން ފާހަގަކުރައްވައި އެ މައްސަލަ ބެލުމަށް ކޮމެޓީއަށް ފޮނުއްވާފައިވަނީ ރިޔާސަތުގައި އިންނަވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އެ ކޮމެޓީއަށް މަލީހު ހާޒިރުކޮށް ކުރައްވައި، ތުހުމަތުތަކުގެ ތަފްސީލު ހޯއްދެވުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން އެވެ. އެއްވެސް މެންބަރަކު އެކަމަށް އިއުތިރާޒްކޮށްފައި ނުވާތީ މިއަދުގެ ކޮމެޓީ ނިންމާލީ މަލީހު ހާޒިރު ކުރާނެ ކަން ރިޔާސަތުން އެންގުމަށް ފަހުގަ އެވެ.