އިތުބާރު ނެތް ކަމަށް ފާސްކޮށް، މަގާމުން ދުރުކުރި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، އިދިކޮޅު ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަންގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.
މަލީހު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް ފުވައްމުލަކުގައި ޕީޕީއެމްގެ ކެމްޕެއިން އޮފީހެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމުގައި އޭނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މާލެ އާއި ފުވައްމުލަކު ސިޓީގައި ބޭއްވި ބައްދަލުވުމުގައި މަލީހު ބައިވެރިވެވަޑައިގެންފައިވާއިރު، އެ ޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕުގެ ބޭފުޅުން ވެސް ތިއްބެވި އެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މަލީހަށް ގުޅުއްވުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބަހެއް ވެސް ލިބޭގޮތެއް ނުވި އެވެ.
މަލީހު އިދިކޮޅު ހަރަކާތްތަކާ ގުޅިވަޑައިގެންފައިވާއިރު، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އޭނާ ވަޒީރަކަށް ހުންނަވައިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ކަންކަން ރާވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
މަލީހު، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި 59 މެންބަރަކު ވޯޓު ދެއްވި އެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައިނުވާއިރު އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު އެކަންޏެވެ.
މަލީހު ވަކި ކުރުމަށް އިދިކޮޅު ކޯލިޝަންގެ ތިން މެންބަރަކު ވޯޓު ދެއްވިއެވެ. އެއީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މުހައްމަދާއި ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.
އެ ވޯޓުގައި އިދިކޮޅު ކޯލިޝަނުގެ އެހެން ބައެއް މެންބަރުން ވެސް ބައިވެރިވި ނަމަވެސް އެ މެންބަރުން ވަކި ކޮޅަކަށް ވޯޓު ދެއްވައިފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު