އޮގަސްޓް 8، 2014 ވަނަ ދުވަހުގެ ރޭ ވަގަށް ނެގި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިނުގައި މިރޭ މާލެ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރިލްވާންގެ މައްސަލައިގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބޭރުގެ މާހިރަކާއެކު މައްސަލަ އިތުރަށް ތަހުގީގު ކުރުން ކަމަށާއި ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދަން ބައެއް ތަކެތި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުން އަންނަ ކަމަށެވެ. އަދި މިއަހަރު ފެށުނުއިރު، މައްސަލަ އެއްކޮށް ތަހުގީގު ކުރުމަށް އެއް އަހަރު ދުވަސް ދިނުމަށް މަރު ކޮމިޝަނުން އެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އެކްސްޕާޓުގެ މަސައްކަތާއެކީގައި މިއަހަރު ފެށުނުއިރު އެބޭފުޅުން (ރިޔާސީ ކޮމިޝަން) ވިދާޅުވީ އެއް އަހަރު ދުވަސްދޭށޭ މުޅި މައްސަލައެކީގައި އިރާދަ ކުރެއްވިއްޔާ ގެނެސްދޭނަމޭ. އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެކްސްޕާޓުންގެ ލަފަޔާއެކީގައި މިއަހަރު ނިމުމުގެ ކުރިން ރިލްވާންގެ މަރާ ގުޅޭ ފުރިހަމަ ރިޕޯޓެއް އަޅުގަނޑުމެންނާ ހިސާބަށް ގެންނާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކުރުމަކީ ވަރަށް ބުރަ އަދި ވަރަށް އުނދަގޫ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއް ކަމުން އެ މައްސަލައިގެ ފުންމިނަށް ވާސިލުވުމަށް ހުރަސްތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު