ކޮވިޑާ ގުޅިގެން މެދުކަނޑާލާފައި އޮތް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމުގެ ހިދުމަތް އަލުން ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ލައިސެންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން، ޑްރައިވިން ސްކޫލުތަކުގެ މީހުން މިއަދު ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ޖޫރިމަނާ ކުރާ މިފަދަ ދަނޑިވަޅެއްގައި ލައިސެންސް ދޫކުރުން ހުއްޓާ ނުލުމަށް ގޮވާލައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ޑްރައިވިންއާ ގުޅޭ އިމްތިހާނު ހެދުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ ކޮވިޑު ބަލީގެ ކޭސްތައް އިތުރުވަމުން ދިއުމާއި ވަކި އަދަދަކަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވާ ކަމަކަށްވާތީ ކޮވިޑް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާ ގުޅޭ އިމްތިހާނު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.