ގއ. ދެއްވަދޫ އާންމު ހާލަތަށް ގެނެސްފި އެވެ.

މިމަހުގެ އެއްވަން ދުވަހު ދެއްވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްއިރު، އޭނާއާ ބަޔަކު ބައްދަލުވެފައިވާ ކަމަށް ބެލެވޭތީ ކޮންޓެކްޓު ޓްރޭސިން ހެދުމަށެވެ.

ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގު މިއަދު "ވަން" އަށް ވިދާޅުވީ ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 100 މީހުން ކޮވިޑަށް ޓެސްޓު ނަމަވެސް، އެއްވެސް މީހަކު ޕޮޒިޓިވް ވެފައިނުވާތީ ރޭގެ ވަގުތެއްގައި ރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިދިޔަ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހު ވެސް ދެއްވަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެއީ ވެސް އެރަށު ހޯމް ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވި ކުޑަކުއްޖަކާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވްވެގެންނެވެ. އެ ކޭސްތަކާ ގުޅިގެން އެފަހަރު ބޮޑު ކުލަސްޓާއެއް އުފެދުނެވެ.

އަދި އެ ކްލަސްޓާގައި ދެއްވަދޫގެ އިތުރުން އެއަތޮޅު ދާންދުއާއި ވިލިނގިއްޔާއި ލ. ފޮނަދޫގެ އިތުރުން ހުޅުމާލެއިން ޖުމުލަ 85 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހަދައި ނިންމައި ދެއްވަދޫ އާންމު ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ.