މަޖިލީހުގައި އިއްޔެ ހިނގައި ދިޔަ ކަންތައްތަކުން ފަލީހަތްވީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި 'ރޯޔަލް ފެކްޝަން' ކަމަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން އަލީ އާޒިމް އެވެ. އެ މައްސަލަ ހުށަހެޅުއްވުމަށްފަހު އަލީ އާޒިމް ވިދާޅުވީ، އެއީ އެއްވެސް ޒާތީ ކަމެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މަލީހަށް ފާޑު ވިދާޅުވެ މެންބަރު އާޒިމް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އެކަމާ ގުޅިގެން މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށް ގެންދިޔަ ހުރިހާ ޕްރޮސެސްތައް ވެސް ގާނޫނު އަސާސީއާ ހިލާފު ކަމަށާއި ބޮލުގައި އެޅުއްވީ ދޮގު އިލްޒާމެއް ކަމަށެވެ.
"މަޖިލީހުގެ އެ ރޯޔަލް ފެކްޝަން އިއްޔެ ފަލީހަތް ވެއްޖެ. 'ބޭނުންވީމަ ކޮށްލުން' އިއްޔެ ވޯޓު ނެގި ގަޑިވެސް މެންބަރުންނަށް އޮޅުވާލި. ގޯސް ގޯސް ގޯސް. ކައްޗަށް އެޅި ބިންގާ،" މަލީހު ވިދާޅުވި އެވެ.
މަލީހު މީގެ ކުރިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެ ގާނޫނުއަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށެވެ. އަދި އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވައި ބޭއިންސާފުން އޭނާއަށް ދޭން އުޅޭ އަދަބު ބޭޒާރު ވާނެ ކަމަށެވެ. ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ކަމުން މަލީހު ވަކިކުރުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި 59 މެންބަރަކު ވޯޓު ދެއްވި އެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައިނުވާއިރު އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު