ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި ދުރާލައި އެފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތްވާނެ މަގު ފަހިކޮށްދޭ ހާއްސަ ހިދުމަތެއް ދިރާގުން ތައާރަފުކޮށްފިއެވެ.
ދިރާގު ސިއެމް ނުވަތަ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ތައާރަފުކުރި އެ ނިޒާމުގައި ނެޓްވޯކެއްގެ އެކި ދިމަ ދިމާލުން ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސްއާ ގުޅުންހުރި ޑޭޓާ ހޯދައި ޖަމާކޮށް، އެއް ތަނަކުން ފެނި އަދި މޮނިޓާ ކުރެވޭނެއެވެ.
މި ސިސްޓަމްގެ އެހީގައި ހާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކުއިރިޓީ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީގެ ބެސްޓް ޕްރެކްޓިސް ތަކަށް ނެޓްވޯކް ފެއްތުމަށާއި ރިޕޯޓުތައް ތައްޔާރު ކުރުމަށް ސައިބާ ސެކުއިރިޓީ ޓީމުތަކަށް ފަސޭހަވެގެން ދާނެއެވެ.
ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވުމާއި ނެޓްވޯކުގެ ތެރޭގައި ވަގުތުން ހިނގަމުން އަންނަ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލާލެވޭނެއެވެ. އެގޮތުން އެ ވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެއެވެ.
އޭގެ އިތުރުން ނެޓްވޯކްއާ ގުޅިފައިވާ ގުނަންތަކުގެ ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެ ނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަނެވޭނެއެވެ. އަދި ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކްއާ ގުޅިފައިހުރި އެއްވެސް ޑިވައިސްއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވެސް މޮނިޓާ ކުރެވޭނެއެވެ.
މީގެ އިތުރުން އޮޑިޓުތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓްތައް ވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ތައްޔާރު ކުރެވޭނެއެވެ.
ދިރާގުގެ މި ދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން ޖެހޭނީ [email protected] އަށް އީމެއިލް ކުރާށެވެ.
ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ އެކުންފުނީގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު