އުތެމަ ޖަމިއްޔާއަކީ އިސްލާމްދީން ގަބޫލު ނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމިއްޔާއެއް ކަމަށް ބުނެ ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރި ހަބަރަކާ ގުޅިގެން މައާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ރާއްޖެ ޓީވީއަށް އަންގައިފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 10:00ގެ ހަބަރުގައި ރާއްޖެޓީވީން، އުތެމަ ޖަމިއްޔާއާ ގޮތުން ބްރޯޑްކާސްޓްކޮށް، ފޭސްބުކް މެދުވެރިކޮށް ރީބްރޯޑްކާސްޓްކޮށްފައިވާ "އުތެމައަކީ އިސްލާމްދީން ގަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއް ކަމަށް...” ބުނެ ބްރޯޑްކާސްޓްކޮށްފައިވާ ހަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފަށް ރާއްޖެޓީވީން ބްރޯޑްކާސްޓްކޮށްފައިވާ ހަބަރެއްކަމަށް ދެކޭ ކަމަށް ބުނެ ރާއްޖޭ ޓީވީއަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ބްރޯޑްކޮމްއަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު އެ ކޮމިޝަނުން ބުނީ، ރާއްޖެޓީވީއަށް ރައްދުވާ ގޮތަށް ހުށަހެޅި އެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު އެ ސްޓޭޝަނަށް ދީފައިވާ ކަމަށެވެ.
ބްރޯޑްކޮމުން ބުނީ އެ މައްސަލައިގައި ރާއްޖެ ޓީވީގެ ސްޓޭޝަންގެ މެނޭޖްމެންޓުން ކަން ހިނގާފައިވާ ގޮތް ބަލާފައިވާކަމާއި ޝަކުވާގައި ފާހަގަ ކޮށްފައިވާ ހަބަރުގެ އިބާރާތް އެގޮތަށް ގެނެވިފައި އެވަނީ އެ ހަބަރު ލިޔުނު ނޫސްވެރިޔާ ހަބަރުގެ ބެކްގްރައުންޑް ލިޔެފައިވާ ގޮތުން ކަމާއި އެއީ ރާއްޖެ ޓީވީން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށް މުވައްޒަފެއްގެ ފަރާތުން ހިނގާފައިވާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، އުތެމައާއި ބެހޭ ގޮތުން ބްރޯޑްކާސްޓްކުރި ހަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) "މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުން"، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) "ހަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުން"، ފަސްވަނަ ހަމައިގެ (2) "ހަބަރާއި ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓް ހިމެނުމުގައި އެފަރާތަކުން ދެއްކި ވާހަކައިގެ މަފްހޫމް ނުގެއްލޭގޮތަށް ބްރޯޑްކާސްޓްކުރުން"، އަދި ފަސްވަނަ ހަމައިގެ (3) "ވަކި ކަމެއްގައި ހިމެނިގެންވާ ނުކުތާއެއްގެ ސައްހަ ނޫން މައުލޫމާތެއް ހުށަހެޅިއްޖެ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން އެގޮތަށް ހިނގައިފިކަން ހާމަކޮށް އެކަން ރަނގަޅުކުރުން" އާ ހިލާފަށް ބްރޯޑްކާސްޓްކުރި ހަބަރެއް ކަމުގައި ބްރޯޑްކޮމުން ބުންޏެވެ.
ބްރޯޑްކޮމުން ބުނީ، އުތެމާއާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ސައްހަ ނޫން މައުލޫމާތެއް ބްރޯޑްކާސްޓްކޮށްފައިވާތީ އެކަން އިސްލާހު ކުރުމަށާއި އުތެމައާއި ގުޅިގެން ބްރޯޑްކާސްޓް ކުރި ހަބަރު އިސްލާހުކޮށް އާންމުކުރުމަށާއި މައާފަށް އެދި ބަޔާނެއް ނެރުމަށާއި އެ ބަޔާން ރާއްޖެ ޓީވީން އާންމުކުރުމަށް އެ ސްޓޭޝަނަށް އަންގާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު