އައްޑޫ ސިޓީގެ ލިންކްރޯޑް ފުޅާކޮށް، ތަރައްގީ ކުރަނީ ކުރިއަށް އޮތް ތަނުގައި މޮނޮރެއިލް ވެސް ލެވޭ ގޮތަށް ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
އައްޑޫގެ މަގުހެދުމުގެ ބޮޑު ޕްރޮޖެކްޓެއް މިދިޔަ ހަފުތާގައި ވަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށްފައެވެ. އިންޑިއާގެ އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމަކާއި މަގުތައް ހެދުމުގެ މަޝްރޫއުގެ އަގަގީ 1.1 ބިލިއަން ދިވަހި ރުފިޔާ އެވެ.
އެ މަޝްރޫއުގެ މައުލޫމާތުތައް ހިއްސާކޮށް، އިއްޔެ ސޯބެ ކުރައްވާފައިވާ ޓުވީޓްތަކެއްގައި ވަނީ ހަންކެޑެ ލިންކް ރޯޑުން ވަކިކޮށް، މަރަދު އާއި ގައުކެނޑިން ހަތަރު ލޭނަކަށް ރިންގްރޯޑް ފުޅާކޮށް، ބްރިޖެއް އަޅާނެ ކަމަށެވެ. އަދި ގަން އެއާޕޯޓުން ހިތަދޫ އޮޑައްސަލާ ހަމައަށް ލިންކް ރޯޑް ހަތަރު ލޭނަކަށް ފުޅާކުރުމުގެ ޕްރޮޖެކްޓެއް ރޭވިފައި އޮތީ މުސްތަގުބަލުގައި މޮނޮރެއިލް ލޭނެއް އެޅޭ ގޮތަށް ކަމަށްވެސް ސޯބެ ވިދާޅުވި އެވެ.
"ގައުކެނޑިން މަރަދޫއަށް ހަތަރު ލޭނަށް ލިންކް ރޯޑް ފުޅާވާގޮތަށް ގޮތަށް 1.4 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ. އަދި ގަން އެއާޕޯޓުން ހިތަދޫ އޮޑައްސަލާ ހަމައަށް ލިންކް ރޯޑް ހަތަރު ލޭނަށް ފުޅާކުރުމުގެ ޕްރޮޖެކްޓެއް ރޭވިފައި އޮތީ މުސްތަގުބަލުގައި މޮނޮރެއިލް ލޭނެއް އެޅޭ ގޮތަށް." މޭޔަރު ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އައްޑޫގެ މަގުތައް ހަދާނީ ރަނގަޅަށް ކަމަށާއި އެމަގުގެ ޑިޒައިން ލައިނަކީ 15 އަހަރު ކަމަށެވެ. ސަބް ބޭސް ލޭޔާ އެޅުމަށްފަހު ހުރިހާ މަގެއްގައި ތާރު އަޅާނެ ކަމަށާއި ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ހަދައި ސަބް-ބޭސްއާ އެއްކޮށް ކުދި ގޯޅިތަކުގައި ކޮންކްރީޓް ފިނިޝިންއެއް ހިމެނޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ހުރިހާ މަގެއްގައި މަގުބައްތި ހަރުކޮށް، ސްޕާޓް ރިޖަކުން ގުޅާލާނެ ކަމަށާއި އަދި ސީސީޓީވީ ކެމެރާގެ ނެޓްވޯކެއް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި މަގުތަކުގައި ބޮޑެތި ގަސްތަކާއި ރުކާއި މާގަސްތައް ޖަހައި ނަލަކުރެވޭނެ ކަމަށާއި ހުރިހާ މަގެއް ކުރަހައި ސައިން ބޯޑް ޖަހައި ބަސް ސްޓޮޕް/ސްޓޭންޑް ޖަހާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސޯބެ ވަނީ މަގުތަކާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އައްޑޫ ތަރައްގީ ކުރާނެ ކަމަށެވެ.
ސިމެންތިން މަގުތައް ހަދާ ވާހަކައަށް ރައްދު ދެއްވައި ސޯބެ ވިދާޅުވީ ގަން އެއާޕޯޓް އޮންނަ މައި މަގުވެސް ހަދާފައިވަނީ ސިމެންތިން ކަމަށާއި ރަންވޭވެސް ހަދާފައިވަނީ ކޮންކްރީޓުން ކަމަށެވެ.
"ގަމުގެ މައި މަގު ސިމެންތިން ހެދިއިރު، އެއާޕޯޓް މެނޭޖިން ޑިރެކްޓަރަކަށް ހުރީ ކޮން ބޭފުޅެއްތޯ ބަލަން ޖެހޭ. އެ މަގުތައް އަދިވެސް އަޅުގަނޑަށް ހަމަ ރަނގަޅު،" ސޯބެ ވިދާޅުވި އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބުނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމު ގާއިމުކުރާނެ ކަމަށާއި އެ ނިޒާމުގެ ޖުމްލަ ދިގުމިނުގައި 103 ކިލޯމީޓަރު ހުންނާނެ ކަމަށެވެ.
ދެ އަހަރު ދުވަހުގެ ނިޔަލަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅާނެ ކަމަށާއި ގާތްގަނޑަކަށް 60 ކިލޯމީޓަރު މަގުތަކުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔަރު އަޅާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު