ކައިވެނި ކުރަން މޮރޮކޯއިން އަންހެން ކުދިން ގެނެސްދޭ ކަމަށް ބުނެ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒާއި އެ އޮފީހުގެ އެހެން މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝުރެއިހުގެ ފޯނު ނަންބަރު ހިމަނައިގެން ފޭސްބުކާއި ޓުވިޓާގައި ޕޯސްޓަރެއް ދައުރުކުރަމުންދާތީ ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

މަބްރޫކާއި ޝުރެއިހުގެ ނަންބަރު ހިމަނައިގެން ދައުރު ކުރަމުންދާ އެ ޕޯސްޓުގައި "މޮރޮކޯގެ އަންހެނުންނާ ކައިވެނި ކުރަން ދިވެހިންނަށް ރަނުގެ ފުރުސަތެއް އެބައޮތް" ކަމަށް އިސްތިހާރުކޮށްފައިވެއެވެ. އަދި އެކި އުމުރުފުރައިގެ އަންހެނުންތަކެއްގެ ފޮޓޯ ޖަހައި އެއިން ބޭނުން މީހަކު ހިޔާރުކޮށް އިނދެވިދާނެ ކަމަށް ބުނެފައިވެއެވެ.

އެ ޕޯސްޓަރުގައިވާ ގޮތުން އެއިން މީހަކާ ކައިވެނި ކުރަން ބޭނުން ނަމަ ގުޅަން ދީފައިވަނީ ޝުރެއިހާއި މަބުރޫކު މޮބައިލް ނަންބަރެވެ. އެ ޕޯސްޓަރުގައިވާ ގޮތުން ކައިވެނިކުރަން އަންހެނުން "ވިއްކާ" އަގަކީ 2،500 ޑޮލަރެވެ.

ފުލުހުން މިއަދު ބުނީ، އެ ޕޯސްޓަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"ހިއުމަން ޓްރެފިކިން އަށް ހިތްވަރު ލިބޭ ގޮތަށް ކުރާ މިފަދަ ޕޯސްޓްތަކުގެ މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ނުހަނު ކަންބޮޑުވާ ސީރިއަސް މައްސަލަތަކެއް،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެފަދަ ޕޯސްޓުތައް ތަފާތު މަންސަތަކުގައި އެއްވެސް ފަރާތަކުން ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.