މި ދައުރު ތެރޭގައި ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން މިރޭ ގއ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރައްވާނެ ކަމަށާއި އެކަން ސަރުކާރުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އެއާޕޯޓް އަޅާނެ ވަކި ރަށެއް އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައުރުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުގަނޑުމެން ގާއިމުކުރާނަން، އަދި ވަކި ރަށެއް ފާހަގަ ނުކޮށް ވަނީ،" ރައީސް ވިދާޅުވިއެވެ.
ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ރައީސް ވަނީ ހުވަދު އަތޮޅުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވައިފައެވެ.
އެގޮތުން މިއަހަރުގެ ތެރޭގައި ތިލަދުންމަތީގައި ފަށާ ހައި ސްޕީޑް ފެރީގެ ހިދުމަތަށްފަހު، ދެވަނައަށް ހައި ސްޕީޑް ފެރީގެ ހިދުމަތް ފަށާނީ ހުވަދު އަތޮޅުގައި ކަމަށެވެ. އަދި އަންނަ އަހަރު ތެރޭގައި ހުވަދުއަށް ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގެންނަވާނެ ކަމަށާއި އޭގެ ތެރެއިން ކާގޯ އުފުލޭނެ ނިޒާމެއް ގާއިމުކުރެވިފައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ބައިނަލްއަގުވާމީ ތިން އެއާޕޯޓެކެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ.
ހުވަދު އަތޮޅުގައި މިވަގުތު އޮޕަރޭޓްކުރަމުން އަންނަނީ ޖުމްލަ ދެ އެއާޕޯޓެވެ. އެއީ ގދ. ކާޑެއްދޫ އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓެވެ. މީގެ އިތުރުންވެސް ގދ. މާވާރުލާއި ގދ. ފަރެސްމާތޮޑާގައިވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު