ޚަބަރު

ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާތީ ހައްލެއް ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުކޮށްފި

މުއާވިޔަތު އަންވަރު

ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅައި އަނިޔާކުރާ ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހިމެނޭ އިމާރާތުގެ ދޮރުމަތީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މިއަދު މެންދުރު ގިނަ އަދަދެއްގެ ނޫސްވެރިން އެ ފަރާތްތަކުގެ ޝުއޫރު ހިމެނޭ ބޯޑުތަކެއް ހިފައިގެން އެމްއެމްސީ އާއި ބްރޯޑްކޮމް ހިމެނޭ އިމާރާތުގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފައި މިވަނީ ދާދި ފަހުން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއް ކަވަރުކުރުމަށް އުޅުނު ޗެނަލް-13 ގެ ނޫސްވެރިއަކަށް ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައި ވަނިކޮށެވެ.

އޭގެ އިތުރުން މުޒާހަރާ ކަވަރުކުރުމަށް ފަހު ޗެނަލް-13 ގެ ނޫސްވެރިންތަކެއް ކެފޭއެއްގައި ތިއްބައި ފުލުހުން ވަނީ އެ ޗެނަލްގެ މުވައްޒަފެއް އެ ކެފޭއިން ނެރެފައެވެ. އަދި އެއީ ނޫސްވެރިއެއްކަން އެނގުމުން ފަހުން ދޫކޮށްލި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ބްރޯޑްކޮމް އާއި އެމްއެމްސީގެ ދޮރުމަތީގައި ނޫސްވެރިންތަކެއް ހިމޭން އިހުތިޖާޖެއް ކޮށްފައިވާ އިރު، އެ ދެ އިދާރާގެ ވެރިން ވަނީ އެތަނުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިންނަށް ދިމާވާ ގޮންޖުހުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.