މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫ އާއި ވެލިދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ދެއޮޕަރޭޝަނުގެ ތެރެއިން ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ވެލިދޫގެ ގެއެއް ބަލައިފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅުގެ ދެ ކޮތަޅު ފެނިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ނ. ހޮޅުދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ އިރު، އެމީހާ އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 42 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ އަށް ދުވަހުގެ މުއްދަތެއް ދީފައެވެ.
ޚަބަރު
ޚަބަރު